ހަލުވިކަމާއި އެކު މުޅި ދުނިޔޭގަ ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރެވޭނެ ގޮތް ރާއްޖޭގައި ހަމަޖައްސައިފި އެވެ.
ރާއްޖޭގައި މި ބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެހީތެރިކަމާއި އެކު އެވެ. މި އެހީ ރާއްޖެއަށް ދިނުމުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އާއި ރާއްޖެއަށް އެ ޖަމިއްޔާއިން ކަނޑައަޅާފައި ހުންނަވާ މަންދޫބު އަރްވިންތު މާތުރު ވަނީ ސޮއި ކުރައްވާފަ އެވެ.
މި އެއްބަސްވުމުގެ ދަށުން އެ ޖަމިއްޔާއިން ވަނީ ކޮރޯނާ ވައިރަސް ޓެސްޓު ކުރެވޭ10 ކިޓު ހަދިޔާކޮށްފަ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ10 ކިޓުން1،000 މީހުން މި ބައްޔަށް ޓެސްޓު ކުރެވޭނެ ކަމަށެވެ.
އަދި މި ކިޓްތަކަކީ ވަރަށް އަވަހަށް ނަތީޖާާ ލިބޭނެ ކިޓްތަކެއް ކަމަށެވެ. އެކަމަކު ޓެސްޓުތަކުގެ ނަތިޖާ ލިބޭނެ ވަގުތެއް ހާމައެއް ނުކުރެ އެވެ.
އެ އެޖެންސީން ބުނީ މިއީ ކޮރޮނާ ވައިރަސްއާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއަށް އިތުރުވި މުހިންމު ކަމެއް ކަމަށެވެ. ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އައިޖީއެމްއެޗުގައި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އަޅާ ޕްރޮޓެކްޓިކް ފުލް ގިޔަރު ހިމެނޭތަކެތިވެސް ޑަބްލިއުއެޗްއޯއިން ވަނީ ހަދިޔާކޮށްފައެވެ.
މި ބައްޔަށް މިހާތަނަށް ރާއްޖެއިން ހަތް މީހަކު ޓެސްޓުކޮށްފައިވެ އެވެ. އެ ޓެސްޓުތައް ހަދަން ފޮނުވާފައިވަނީ އިންޑިއާގެ ޕޫނޭގައި ހުންނަ ހޮސްޕިޓަލަކަށެވެ. މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފެނިފަ ނުވިނަމަވެސް ސަރުކާރުން ވަނީ ކޮރޯނާ ވައިރަހާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ.
އެގޮތުން ޗައިނާ މަގުން ރާއްޖެ އަންނަ އެއްވެސް މީހަކު ވަކި މުއްދަތެއް ނެތް ގޮތަށް ރާއްޖެ އެެތެރެވުން ވަނީ މަނާކޮށްފަ އެވެ. އަދި އެގައުމަށް ކުރާ ސިދާ ވައިގެ ދަތުރުތައްވެސް ވަނީ ހުއްޓާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް