ހުޅުމާލެ ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި ޗެނަލް ޕާކެއް ހަދަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި "ޗެނަލް ޕާކް ބޮލްޔާޑް ލިންކް"ގެ ނަމުގައި ޗެނަލް ޕާކެއް ތަރައްގީ ކުރަން ނިންމައިފި އެވެ. އެޗްޑީސީން މިއަދު ވަނީ މި ޕާކު ތަރައްގީކޮށް ނިމޭއިރު އޮންނާނެ ގޮތުގ...

20 Feb 2020 | 09:16

ހުޅުމާލޭ ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި "ޗެނަލް ޕާކް ބޮލްޔާޑް ލިންކް"ގެ ނަމުގައި ޗެނަލް ޕާކެއް ތަރައްގީ ކުރަން ނިންމައިފި އެވެ.

އެޗްޑީސީން މިއަދު ވަނީ މި ޕާކު ތަރައްގީކޮށް ނިމޭއިރު އޮންނާނެ ގޮތުގެ އެނިމޭޓެޑް ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެޗްޑީސީ އިން ބުނި ގޮތުގައި ހުޅުމާލެ ދެ ފޭސް ގުޅޭ ސަަރަހައްދު ތަރައްގީ ކުރާނީ އާއްމުންނަށް ބޭނުން ކުރެވޭ ގޮތަށް ގިނަ ވަސީލަތްތަކެއް ވެސް ހިމަނައިގެނެވެ.

މި ވީޑިއޯއިން ފެންނަ ގޮތުގައި މި ޕާކުގައި ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި، ރެސްޓޯރެންޓާއި، ސްކޭޓް ޕާކެއްގެ އިތުރުން ރޮވިން ކްލަބް އެއް ހުރެ އެވެ. އަދިވެސް އާންމުން ހިތްހަމަ ޖައްސާލުމަށް ގޮސް ހަދާނެ ތަންތަން އެ ސަރަހައްދުގައި ތަރައްގީ ކުރާނެ އެވެ.

މި ޕާކުގެ މަސައްކަތް ނިމޭނެ ދުވަހެއް އެޗްޑީސީން ހާމައެއް ނުކުރެ އެވެ. އެ މަސައްކަތްތައް ކުރުމަށް އެ ސަރަހައްދުގައި ކުރިން ހަދާފައިވާ ބާބަކިއުު ސަރަހައްދު ވަނީ ހުސްކޮށްފަ އެވެ.

ދެ ފޭސް ގުޅާލުމަށް އަޅަމުންދާ ފަސް ބްރިޖުގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް އެޗްޑީސީން ކުރިން ވަނީ ބުނެފަ އެވެ.

އެ ފަސް ބްރިޖަކީ ދަށުން އޮއި ދެމޭގޮތައް ހަދާ ބްރިޖުތަކެކެވެ. މި މަސައްކަތް ކުރަނީ ޗައިނާގެ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީސީ) ކުންފުނިންނެވެ. ދެވަނަ ފިޔަވަހީގެ މި ސަރަހައްދުގެ ބްރިޖުތަކުގެ މަސައްކަތް ކުރަނީ ސައުދީ ފަންޑުން ދީފައިވާ 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ގެ ލޯނު އެހީގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް