ފެމިލީ ކޯޓުގައި މިއަދު 62 ކައިވެނި!

މިއަދު އެކަނި ފެމިލީ ކޯޓުގައި62 ކައިވެނި ކޮށްދޭނެ ކަމަށް އެކޯޓުން ބުނެފި އެވެ. ކޮންމެ އަހަރަކުވެސް އަންނަ ރީތި ތާރީހުތަކުގައި ކައިވެނި ކުރުމަކީ ބޭރު ގައުމުތަކެކޭ އެއްގޮތަށް މިހާރު ދިވެހިންވެސް ކުރާ ކަ...

20 Feb 2020 | 08:52

މިއަދު އެކަނި ފެމިލީ ކޯޓުގައި62 ކައިވެނި ކޮށްދޭނެ ކަމަށް އެކޯޓުން ބުނެފި އެވެ.

ކޮންމެ އަހަރަކުވެސް އަންނަ ރީތި ތާރީހުތަކުގައި ކައިވެނި ކުރުމަކީ ބޭރު ގައުމުތަކެކޭ އެއްގޮތަށް މިހާރު ދިވެހިންވެސް ކުރާ ކަމެކެވެ. އެގޮތުން މިއަދަކީ މި އަހަރުގައި އަންނާނެ އެންމެ ރީތި ތާރީހު ތަކުގެ ތެރެއިން ދުވަހެކެވެ.

އެހެންކަމުން މިއަދު ވެފައިވަނީ ފެމިލީ ކޯޓަށް ބާރު ބޮޑު ދުވަހަކަށެވެ. ފެމިލީ ކޯޓުން ބުނެފއިވަނީ މިއީ ފަހުގެ ތާރީހެއްގައި އެންމެ ގިނައިން ކައިވެނި ކޮށްދޭ އެއް ދުވަސް ކަމަށެވެ.

މިމަހުގެ ދެ ވަނަ ދުވަހަކީވެސް މިއަހަރުގެ ރީތި ތާރީހަކަށްވާތީ ގިނަ ބަޔަކު ކައިވެނި ކޮށްފަ ވެއެވެ. އެގޮތުން އެ ދުވަހު އެކަނި41 ކައިވެނި ކުރި ކަމަށް ފެމިލީ ކޯޓުން މައުލޫމާތުދެ އެވެ.

މިއަދު ކުރާ ގިނަ ކައިވެނިތައް ކުރަަނީ ކޯޓުން ބޭރުގައި އެވެ.

މިދިޔަ އަހަރާ ހިލާފަށް މިއަހަރަކީ ފެމެލީ ކޯޓުން ކައިވެނި ކޮށްދިނުމުގައި ގެންގުޅެމުންދާ އުސޫލުތަކަށް ބަދަލު ގެނައި އަހަރެކެވެ. އެގޮތުން މިއަހަރު ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭނެ އެވެ. މީގެ ކުރިން ސަރުކާރުން ކަނޑައަޅާފައި ހުންނަ ބައެއް ބަންދު ދުވަސްތަކާއި ހޮނިހިރު ދުވަހަކީ އެ ކޯޓުން ކައިވެނި ކޮށްދޭނެ ދުވަސްތަކެއް ނޫނެވެ.

ރީތި ތާރީހުތަކުގައި ކައިވެނި ކުރުން ރާއްޖޭގަ އިތުރުވަމުން ދާއިރު ރާއްޖެއަކީ އާބާދީއަށް ބަލާއިރު މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ވަރި ގިނަ ގައުމެވެ.

އެގޮތުން ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރު 5117 ވަރި ކޮށްފަ ވެއެވެ. އެއީ 2018 ވަނަ އަހަރާ ބަލާއިރު 61.6 ޕަސެންޓުގެ އިތުރު ވުމެކެވެ. 2018 ވަނަ އަހަރު ރާއްޖޭގައި ކުރީ 3199 ވަރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް