ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް ޢަމަލުކުރަން ފަށައިފި އެވެ. މި ގާނޫނަށް އަމަލު ކުރަން ފެށުމުން 30 ދުވަހުގެ ތެރޭގައި، ކުޑަކުދިންގެ ތެރެއިން ރައްކާތެރިކަމާއި އަޅާލުމާއި އެހީތެރިކަން ...

20 Feb 2020 | 05:46

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް ޢަމަލުކުރަން ފަށައިފި އެވެ.

މި ގާނޫނަށް އަމަލު ކުރަން ފެށުމުން 30 ދުވަހުގެ ތެރޭގައި، ކުޑަކުދިންގެ ތެރެއިން ރައްކާތެރިކަމާއި އަޅާލުމާއި އެހީތެރިކަން ބޭނުންވާ ކުދިންގެ މަސްލަހަތު ހިމާޔަތް ކުރުމަށް “ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސް”ގެ ނަމުގައި އިދާރާއެއް އުފައްދަން ޖެހެ އެވެ. އަދި 60 ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ކައުންސިލް އުފައްދަން ޖެހެ އެވެ.

މީގެ އިތުރުން 90 ދުވަހުގެ ތެރޭގައި އާންމުންގެ ފަރާޓުން ކުޑަކުދިންނާ ގުޅޭ ސީރިއަސް މައްސަލަތައް ބެލުމަށް ހާއްސަ ބޭފުޅެއްގެ ގޮތުގައި އޮމްބަޑްސްޕާސަން އެއް ސަރުކާރުން އައްޔަންކުރަން ލާޒިމުކުރެއެވެ. ޖެންޑާ މިނިސްޓްރީން ބުނީ މި ތާރީހުތަކުގެ ކުރިން މިކަންކަން ނިންމުމަކީ އެ މިނިސްޓްރީގެ އަމާޒެއް ކަމަށެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ވަކި ގާނޫނެއް ހެދުމުން ކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި އާއިލާ، މައިންބަފައިން އަދި މުޖުތަމައުއާ ދައުލަތުގެ ޒިންމާތަކެއް ކަނޑައެޅިފަ ހުންނާނެ އެވެ. އިޖުތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އާއިލާތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގު ފަހިވެގެންދާނެ އެވެ.

މި ގާނޫނުގެ ދަށުން ކުޑަކުދިންގެ ހައްގުތައް ރައްކޭތެރި ކުރުމާއި ގުޅޭ ގައުމީ ނިޒާމެއް ގާއިމުކޮށް، އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދިޔުން އަދި ކުޑަކުދިން ފޮސްޓާ ކުރުމާބެހޭ އުސޫލުތައް ކަނޑައެޅިގެންދާނެ އެވެ. މީގެ އިތުރުން ކުޑަކުދިންނަށް އަޅައިނުލާ ފަރާތްތަކާއި އިހުމާލުވާ ފަރާތްތަކާއި، އިހާނެތިކޮށް ހިތާ ފަރާތްތަކާއި، ގޯނާކުރާ ފަރާތްތަކާއި، އެ ކުދިންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން ފަދަ ކަންކަން ކުރެވިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް