މިދިޔަ މަހު އެކަނި ރާއްޖޭގައި މަސައްކަތް ކުރުމަށް އަށް ހާހަށްވުރެ ގިނަ ވޯކް ވިސާ ދޫކުރި ކަމަށް އިމިގްރޭޝަން އިން ބުނެފި އެވެ.
އެ އިދާރާއިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ޖެނުއަރީމަހު8،560 ބިދޭސީންނަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ވިސާ ދޫކޮށްފައިވެ އެވެ. އޭގެ ތެރެއިން127 މީހަކަށް ފިޔަވާ އެންމެންނަށް ވިސާ ދޫކޮށްފައިވަނީ މާލެއިންނެވެ. އެ މީހުންނަށް ވިސާ ދޫކޮށްފައިވަނީ އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތަކުންނެވެ.
އިމިގްރޭޝަނުން އާންމު ކުރާ ތަފާސް ހިސާބުގައި އެ މީހުން މަސައްކަތް ކުރަން އަންނަަ ދާއިރާތައް ވަކިވަކިން ހާމައެއް ނުކުރެ އެވެ.
ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު ރާއްޖޭގައި ކިޔަވަން ސްޓޫޑެންޓް ވިސާގެ ގޮތުގައި54 ކުއްޖަކަށް ވިސާ ދޫކޮށްފައިވެ އެވެ. އަދި ވިޔަފާރި ކުރުމަށް ބިޒްނަސް ވިސާ912 ފަރާތަކަށް ދޫކޮށްފަވެ އެވެ.
އާއިލާއަށްތަކަށް ދޫކުރާ ޑިޕެންޑެންޓު ވިސާ205 ފަރާތަކަށް ދޫކޮށްފައިވެ އެވެ. މީގެ އިތުރުން އެހެނިހެން ވިސާގެ ގޮތުގައި90 ބިދޭސީއަކަށް ވިސާ ދޫކޮށްފައިވާއިރު ހާއްސަ ވިސާގެ ނަމުގައި43 ފަރާތަކަށް ވިސާ ދޫކޮށްފައިވެ އެވެ.
ރާއްޖެއަށް އެންމެ ގިނަ ބިދޭސީން އަންނަނީ މަސައްކަތް ކުރުމަށެވެ. މަސައްކަތް ނިމުމުން ގިނަ ފަހަރު ބިދޭސީން ފިލާ މައްސަލަ އާއި ގެންނަ ފަރާތުން ބިދޭސީން ދޫކޮށްލާ މައްސަލަތައް ގިނަ އެވެ. އޭގެ ނަތީޖާއަކަށް ވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުމެވެ.
އިމިގްރޭޝަންގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖޭގައި60،000 އަށްވުރެ ގިނަ ބިދޭސީން ގަވައިދާ ހިލާފަށް އުޅެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް