ޓްރާންސްޕޯޓް އޮތޯރިޓީގެ އިމާރާތް ބަދަލު ކުރަނީ

ޓްރާންސްޕޯޓް އޮތޯރިޓީ މިހާރު ހިންގަމުން އަންނަ ޢިމާރާތް އެހެން ޢިމާރާތަކަށް ބަދަލުކުރުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ނިންމަވާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ހާމަކުރައްވައި...

20 Feb 2019 | 08:46

ޓްރާންސްޕޯޓް އޮތޯރިޓީ މިހާރު ހިންގަމުން އަންނަ ޢިމާރާތް އެހެން ޢިމާރާތަކަށް ބަދަލުކުރުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ނިންމަވާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސް އިން ގެނެސްދޭ ޕްރޮގްރާމެއް ކަމަށްވާ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ، ޓްރާންސް ޕޯޓް މިނިސްޓްރީ މިހާރު ހިންގަވަމުން އަންނަ އިމާރާތުގެ، ޙާލަތާއި އެތަނުގައި މަސައްކަތްކުރުމުގައިހުރި ކަންބޮޑުވުންތައް މިހާރުވަނީ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ޙިއްސާކުރައްވާފައިވާކަމަށާ އެމަނިކުފާނުވަނީ ވަރަށް އަވަހަށް ޓްރާންސްޕޯޓް އޮތޯރިޓީގެ މަސައްކަތްތައް އެހެން ޢިމާރާތަކަށް ބަދަލުކުރުމަށް ނިންމަވާފައިކަމަށެވެ. އަދި މީގެ ކުރީގެ ސަރުކާރުތަކުން މިފަދަ ޢިމާރާތުގައި މަސައްކަތްކުރުމުގެ ހުއްދަ ދެއްވާފައި އޮތުމަކީ ހައިރާންވެވަޑައިގަންނަވާ ކަމެއްކަމަށް މިނިސްޓަރ ނަހުލާ ވަނީ ވިދާޅުވެފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ އިތުރަށް ވިދާޅުވީ، ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތަކާ ގުޅިގެން ޢާއްމުންނާއި މުވައްޒަފުންގެ ޝަކުވާތައް އެބަހުރިކަމަށާ، އެކަންކަން ޙައްލުކުރުމުގެ މަސައްކަތް ކުރައްވަމުންދަކަމަށެވެ. އެގޮތުން ޓްރާންސްޕޯޓުން ދެމުންގެންދާ ޚިދުމަތްތައް ހޯދުމަށްޓަކައި ގިނަ ވަގުތުތަކެއް ކިޔުގައި މަދުކުރަންޖެހޭ ކަމުގެ ޝަކުވާ ލިބެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެކަން ޙައްލުކުރެއްވުމަށްޓަކާ ވަރަށްއަވަހަށް ޓްރާންސްޕޯޓ އޮތޯރިޓީގެ ގިނަ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް