ޗެމްޕިއަންސް ލީގު: ލިވަޕޫލް އާއި ބަޔާންގެ މެޗަށް ހަމަހަމަ ނިމުމެއް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ، އެޓޭކިންގ ވަރުގަަދަކަމަށް މަޝްހޫރު ދެ ކްލަބް ކަމަށްވާ ލިވަޕޫލް އާއި ބަޔާން މިޔުނިކުގެ ކުރިމަތިލުން ލަނޑެއް ނުޖެހި ނިމިއްޖެއެވެ. ލިވަޕޫލް...

20 Feb 2019 | 08:03

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ، އެޓޭކިންގ ވަރުގަަދަކަމަށް މަޝްހޫރު ދެ ކްލަބް ކަމަށްވާ ލިވަޕޫލް އާއި ބަޔާން މިޔުނިކުގެ ކުރިމަތިލުން ލަނޑެއް ނުޖެހި ނިމިއްޖެއެވެ. ލިވަޕޫލްގެ އެންފީލްޑް ދަނޑުގައި ކުޅުނު މި މެޗުން މޮޅު ނުވެވުމުން ލިވަޕޫލްއަށް ކުއާޓާއަށް ދަތުރު ކުރުމަށް ދެން އޮތީ އުނދަގޫ މަގެކެވެ.

ރޭގެ މެޗުގައި ލިވަޕޫލް އިން ބަޔާންއާ ދެކޮޅަށް ރަނގަޅު އެޓޭކިންގް ގޭމެއް ކުޅުނު ނަމަވެސް، ލަނޑެއް ޖެހުމުގައި ނާކާމިޔާބު ވުމުން، މާރޗް 13 ވަނަ ދުވަހު ރަށުން ބޭރުގައި ކުޅޭ މެޗުގައި ލަނޑު ޖެހުން އެ ޓީމަށް މަޖުބޫރެވެ. އަނެއްކޮޅުން ރޭގެ މެޗުން ނަތީޖާ ނުނެރެވުނަސް، އަނިޔާ އާއި ސަސްޕެންޝަންގެ ސަބަބުން ވެން ޑައިކް އާއި ވޮލްރެން ނުލާ ކުޅުނު ލިވަޕޫލްގެ ޑިފެންސުން ބަޔާންއިން އުފެއްދި މަދު ހަމަލާތައް ދިފާއު ކުރުމުގައި ވެސް ހުށިޔާރުވިކަމީ ކްލޮޕްއަށް އޮންނާނެ ހިތްހަމަޖެހުމެކެވެ.

ރޭގެ މެޗު ފެށިގެން ކުރީކޮޅު ލިވަޕޫލްގެ ޑިފެންސަށް ހެދުނު ގޯހަކުން ބަޔާންއަށް ލީޑް ލިބުމާ ގާތަށް ދިޔައިރު، ލިވަޕޫލްއިން ވަނީ މެޗުގެ ތެރެއަށް ވަރަށް އަވަހަށް ވަދެ ބަޔާންއަށްވުރެ ކުޅުން ރަނގަޅު ކޮށްފައެވެ. މިގޮތުން ސަލާހް އާއި މަޓިޕް ލިވަޕޫލްއަށް ނުރައްކާ ކުރިއިރު، ސަޑިއޯ މާނޭ ފޮނުވާލި ހަމަލާއެއް ދިޔައީ ދަނޑި ކައިރިންލާފައެވެ.

ދެ ޓީމުން ކުރެ އެއް ވެސް ޓީމަކަށް މާކަ އެދެވޭ ހަމަލާތަކެއް ނުއުފެއްދުނުއިރު، މެޗުގެ ފަހުކޮޅުގައި ސަޑިއޯ މާނޭ ފޮނުވާލި ނުރައްކާތެރި ބޯޅައެއް ވެސް ބަޔާންގެ ގޯލްކީޕަރ މެނުއަލް ނޯއާ ވަނީ ދިފާއު ކޮށްފައެވެ.

ރޭގެ މެޗުގައި ރަނގަޅަށް ކުޅުނު ނަމަވެސް އަމިއްލަ ދަނޑުގައި އެޑްވާންޓޭޖް ނުނެގެވުމުން ލިވަޕޫލްއަށް ދެން އޮތީ ރަށުން ބޭރުގައި ޖަރުމަނުގެ ޗެމްޕިއަނުން ބަލިކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް