ފަތުރުވެރިން ޒިޔާރަތް ކުރި މިންވަރު އިތުރު އެކަމަކު އޮކިއުޕެންސީ ދަށަށް

މިދިޔަ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރުގެ ޖަނަވަރީ އަށް ވުރެ 6.5 އިންސައްތަ އިތުރުވެފައި ވީނަމަވެސް އޮކިއުޕެންސީ ރޭޓް ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު...

20 Feb 2019 | 06:19

މިދިޔަ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރުގެ ޖަނަވަރީ އަށް ވުރެ 6.5 އިންސައްތަ އިތުރުވެފައި ވީނަމަވެސް އޮކިއުޕެންސީ ރޭޓް ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި މިދިޔަ މަހު ޓޫރިސްޓު އެރައިވަލް ހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް 151،552 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 142،351 މީހުންނާ އަޅާ ބަލާއިރު 6.5 ޕަސެންޓް އިތުރުވުމެކެވެ.

މިދިޔަ މަހު ފަތުރުވެރިން އައި އަދަދު އިތުރުވި ނަމަވެސް އޮކިއުޕެންސީ ރޭޓް ވަނީ ކުރީ އަހަރުގެ ޖަނަވަރީ އަށް ވުރެ 2.8 އިންސައްތަ ދަށް ވެފައެވެ. މިދިޔަ މަހު އޮކިއުޕެންސީ ރޭޓް ހުރީ 71 އިންސައްތައިގައެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މިިދިޔަ އަހަރު އެއް ގައުމަކުން އެންމެ ގިނަ މީހުން އައިސްފައިވަނީ ޗައިނާ އިންނެވެ. ނިމިދިޔަ އަށެއްކަ އަހަރުވެސް ރާއްޖެއަށް އެންމެ ގިނައިން މީހުން އަންނަ އެ ގައުމުން މިދިޔަ މަހު 25،804 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައިސްފައިވާ 25،830 މީހުންނާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ. މިދިޔަ އަހަރު މި ގައުމުން އައި މީހުންގެ އަދަދު އޮތީ 0.1 ޕަސެންޓު ދަށްވެފަ އެވެ.

އޭގެ އިތުރުން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި މުއްދަތު ވެސް ވަނީ ކުރީ އަހަރުގެ ޖަނަވަރީ އަށް ވުރެ ދަށް ވެފައެވެ. މިއަހަރު ޖަނަވަރީ މަހު ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް ހޭދަކޮށްފައި ވަނީ 6.4 ދުވަހެވެ. އެއީ ކުރީ އަހަރުގެ ޖަނަވަރީ އާއި އަޅާބަލާއިރު 0.2 އިންސައްތައިގެ ދަށް ވުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް