ރައީސް އަބްދުﷲ ޔާމީން ދޫކޮށްލަން ގޮވާލައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ މުޒާހަރާ ކުރަން ނިންމައިފިއެވެ.
އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް، އެކި ފަރާތްތަކުގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އިރު، އޭގެ ތެރެއިން އެއް މިލިއަން ޑޮލަރު ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި މައްސަލާގައި އެމަނިކުފާނުގެ މައްޗައް އުފުލާފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ. އަދި އެ މައްސަލާގައި އެމަނިކުފާނު ހެއްކަށް ނުފޫޒު ފޯރުވާފާނެތީ ޝަރީއަތްތައް ނިމެންދެއް ވަނީ ބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެކަމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ހައްޔަރު ކުރުމުން އެމަނިކުފާނުގެ ސަޕޯޓަރުން މަސައްކަތް ހުއްޓާލާފައި ގެޔަކަށް ނުވަންނާނެ ކަމަށެވެ. އެގޮތުން މިރޭ 8:30 ގައި ކާނިވާ ސަރަހައްދުގައި ރައީސް ޔާމިން ދޫކޮށްލުމަށް ގޮވާލާ އެއްވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
'މާދަމާ ރޭ (ބުދަ) އޮންނާނެ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އަޅުގަނޑުމެން ބާއްވާ އެއްވުމެއް. އަޅުގަނޑުމެންގެ ހުރިހާ ސަޕޯޓަރުން 8:30 އެތަނަށް (ކާނިވާ ސަރަހައްދަށް) ވަޑައިގެން ދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،'' މިރޭގެ އެއްވުމާއި ގުޅިގެން އަބްދުއްރަހީމް އިއްޔެ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ދައުރުގައި އޭރުގެ އިދިކޮޅު ލީޑަރުން ޖަލަށް ލުމާއި ގުޅިގެން އެމްޑީޕީން މުޒާހަރާތައް ބާއްވަން އުޅުމުން ޕީޕީއެމުން ވަނީ އެކަމަށް ހަޖޫ ޖަހާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް