ޖަޕާނު އެހީގައި ރަތަފަންދޫ ސްކޫލުގައި ދެ ކްލާސް ރޫމު އިމާރާތް ކުރުމަށް ސޮއިކޮށްފި

ޖަޕާން އެހީގައި ގދ.ރަތަފަންދޫ ސްކޫލަގައި އިމާރާތްކުރާ ދެ ކްލާސްރޫމްގެ ޕްރޮޖެކްޓްގައި ސޮއިކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާގޮތުގައި އިއްޔެ ސޮއިކުރެވުނީ ޖަޕާން ސަރުކާރުން ހިންގާ ގްރާންޓް ...

20 Feb 2019 | 04:36

ޖަޕާން އެހީގައި ގދ.ރަތަފަންދޫ ސްކޫލަގައި އިމާރާތްކުރާ ދެ ކްލާސްރޫމްގެ ޕްރޮޖެކްޓްގައި ސޮއިކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާގޮތުގައި އިއްޔެ ސޮއިކުރެވުނީ ޖަޕާން ސަރުކާރުން ހިންގާ ގްރާންޓް އެސިސްޓަންސް ފޯރ ގްރާސްރޫޓް ޕޮރޮޖެކްޓްގެ (ޖީގީޕީ) ދަށުން ގދ. ރަތަފަންދޫ ސްކޫލްގައި ޢިމާރާތް ކުރަންހަމަޖެހިފައިވާ ދެ ކްލާސްރޫމްގެ ޕްރޮޖެކްޓްގައެވެ.

ޖަޕާނަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އެކިއެކި ރޮނގުތަކުން ވަރަށް ގިނަ އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނަ ޤައުމެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނެފައިވަނީ މިގޮތުން ޖަޕާން އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރ (ޖޭއޯސީވީ) މެދުވެރިކޮށް ކޮންމެ އަހަރަކުވެސް ރާއްޖޭން ލިބުންދަތި ޚާއްޞަ ފަންނުތަކުން ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާނެ ވޮލަންޓިއަރ ޓީޗަރުން ހަމަޖައްސަވައިދެއްވަމުން އަންނަ ކަމަށެވެ.

"އެ ފަންނުތަކުގެ ތެރޭގައި މިއުޒިކް ޓީޗަރުންނާއި ފިޒިކަލް އެޑިޔުކޭޝަން އަދި ބޭންޑް އިންސްޓްރަކްޓަރުން ފަދަ ފަންނުތައް ހިމެނޭ، މީގެ އިތުރުން ރާއްޖޭގެ ސްކޫލްތަކުގެ ޓީޗަރުން މި ރޮނގުތަކުން ޖަޕާނަށް ފޮނުވައިގެން ޓްރޭނިންގ ދިނުމާއި، ސްކޫލްތަކުގެ ދަރިވަރުން ޔަންގް ލީޑަރސް ޕްރޮގްރާމްގެ ތެރޭން ފުރުޞަތުތައް ދަނީ ދެއްވަމުން" މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނެފައިވަނީ ޖީޖީޕީގެ ދަށުން ރަތަފަންދޫ ސްކޫލްގައި ހިންގާ މި ޕްރޮޖެކްޓް ހިންގާނީ ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީއާއި އެ ސްކޫލާއި ގުޅިގެން ސީދާ ސްކޫލްގެ ބެލުމުގެ ދަށުން ކަމަށެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ސްކޫލްތައް ބާރުވެރި ކުރުމުގެ ވަޢުދުގެ ދަށުން މިޕްރޮޖެކްޓްގެ ހުރިހާ ކަމެއް ކުރިއަށް ގެންދަވާނީ ސީދާ ސްކޫލުން ކަމަށާއި މިގޮތުން ކޮންޓްރެކްޓަރަކު ހޯދުމާއި މަސަކަތް ބެލެހެއްޓުން ފަދަ ކަންކަން ކުރާނީ ވެސް އެސްކޫލުންނެވެ. މިޕްރޮޖެޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަޢުރަކަށްވާނީ ސްކޫލަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުންކަމުގައިވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ރަތަފަންދޫ ސްކޫލްގައި މިހިންގާ ޕްރޮޖެކްޓްގެ ސަބަބުން ސްކޫލްގައި ކިޔަވާދިނުމަށް ބޭނުންވާ އިތުރު ވަޞީލަތްތައް ޤާއިމްކުރެވިގެންދާނެ ކަމަށާއި މިގޮތުން މިޕްރޮޖެކްޓް ނިމުމުން ސްކޫލްގައި ސައިންސް ރޫމެއްގެ ޚިދުމަތާއި އޯޑިއޯވިޝުއަލް ރޫމެއްގެ ޚިދުމަތް ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި މިޕްރޮޖެޓް ނިންމުމަށް ހަމަޖެހިފައިވަނީ ކޮޓްރެކްޓާރާއި މަސައްކަތް ހަވާލުކުރާދުވަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައިކަންވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް