43 މެމްބަރުން ހަމަ ނުވިޔަސް ގަރާރަށް ވޯޓަށް އަހަން ޕީޕީއެމް އެމްޑީއޭ ޖޮއިންޓް ޕީޖީން ނިންމިޔަސް ގާނޫނު އަސާސީ އެކަމަށް ފުރުސަތު ނުދޭކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
އެމްޕީ މަހްލޫފް މިހެން ވިދާޅުވެފައިވަނީ 43 މެމްބަރުން ހަމަ ނުވިޔަސް ވޯޓަށް އަހަން ނިންމައިފި ކަމަށް މިހާރު ނޫހުގައި ޝާޢިއު ކޮށްފައިވާ ހަބަރަށް ސްކްރީން ޝޮޓަކާއި ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ ށ ގެ ސްކްރީން ޝޮޓަކާއެކު ކުރައްވާފައިވާ ޓްވީޓެއްގައި އެވެ.
"ގާނޫނު އަސާސީގެ 86 (ށ) ގަ ވަރަށް ސާފު އިބާރާތުން އޮތީ ވޯޓް އަށް އަހަންވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެމްބަރުން ހާޒިރުވެތިބޭ ޖަލްސާއެއްގަ ކަމަށް" މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ "މި ގާނޫނު އަސާސީގެ 86 ވަނަ މާއްދާ އެހެން ގޮތަކަށް އޮތްކަމުގައި ވިޔަސް ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހާންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެމްބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގައި" ކަމަށެވެ.
މިހާރު ނޫހުގައި ރިޕޯޓް ކޮށްފައިވާގޮތުގައި އަދަދު ހަމަ ނުވިޔަސް ވޯޓަށް އަހަން ޕީޕީއެމް އަދި އެމްޑީއޭ ޖޮއިންޓް ޕާލަމެންޓަރީ ގްރޫޕުން ނިންމާފައިވާކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ ބޭއްވި ކުއްލި ބައްދަލުވުމެއްގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް