3 ވަނަ ޑިވިޝަންގެ ވިގަން އަތުން ބަލިވެ މެންޗެސްޓާ ސިޓީ އެފްއޭ ކަޕުން ކަޓައިފި!

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ ގަދަފަދަ މެންޗެސްޓާ ސިޓީ ބަލިކޮށް ތިން ވަނަ ޑިވިޝަންގެ ވިގަން އެތުލެޓިކް، އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ވަރަށް ރަނގަޅު ފޯމަކާއ...

20 Feb 2018 | 06:56

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ ގަދަފަދަ މެންޗެސްޓާ ސިޓީ ބަލިކޮށް ތިން ވަނަ ޑިވިޝަންގެ ވިގަން އެތުލެޓިކް، އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ވަރަށް ރަނގަޅު ފޯމަކާއެކު، ތަފާތު ބޮޑުކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލްގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ރޭގެ މެޗުން ވިގަން އަތުން 1-0 ގެ ބައްޔަކާ ކުރިމަތިވިއިރު، 2003 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ފައިނަލުން ވިގަން އަތުން ސިޓީ ބަލިވީ ވެސް ހަމަ މި ނަތީޖާއިންނެވެ. އަދި އެ ޓީމު ވަނީ އެ އަހަރާ ޖެހިގެން އައި އަހަރުގައި ވެސް ވިގަން އަތުން ބަލިވެ އެފްއޭ ކަޕުން ކަޓާފައެވެ. އެހެންކަމުން، މެންޗެސްޓާ ސިޓީން އެފްއޭ ކަޕްގައި ވިގަން އާ ދެކޮޅަށް އެންމެ ފަހުން ނުކުތް 3 މެޗުން ވެސް އެ ޓީމަށް މި ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

ސިޓީ ފަސޭހަ ކަމާއެކު މޮޅުވާނެކަމަށް ބެލެވުނު މެޗުގައި، ވަރަށް ބޮޑަށް ޑިފެންސިވް ގޭމެއް ކުޅެމުން ދިޔަ ވިގަން އާ ދެކޮޅަށް ސިޓީއަށް މައްސަލަތަކެއް ދިމާވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުގެ ފަބިއަން ޑެލްފްއަށް ރަތް ކާޑު ދެއްކުމުންނެވެ. މެކްސް ޕަވަރ އަށް ކުރި ފައުލަކަށް ރެފްރީ އެންމެ ފުރަތަމަ ކާޑު ދައްކަން ދިޔައިރު ނަގައިގެން ހުރީ ރީނދޫ ކާޑެވެ. އެހެނަސް ވިގަންގެ ކުޅުންތެރިން މައްސަލަ ބޮޑުކޮށްލުމާއެކު ރެފްރީ ރަތް ކާޑު ދައްކާ ޑެލްފް ދަނޑުން ފޮނުވާލުމުން ސިޓީގެ ކުޅުންތެރިންނާއި ބެންޗުން ވެސް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ.

ޑެލްފަށް ދެއްކި ރަތް ކާޑުގެ ސަބަބުން އޭނާއަށް އަންނަ އާދިއްތަ ދުވަހު ސިޓީން އާސެނަލްއާ ދެކޮޅަށް ކުޅޭ ލީގުކަޕްގެ ފައިނަލް މެޗުގައި ނުކުޅެވޭނެއެވެ. އަދި ޕްރިމިއާ ލީގުގައި އާސެނަލް އާއި ޗެލްސީއާ ދެކޮޅަށް ސިޓީ ކުޅޭ 2 މެޗު ވެސް ގެއްލޭނެއެވެ.

މެންޗެސްޓާ ސިޓީން މެޗު ޑޮމިނޭޓް ކޮށްގެން ކުޅެމުން ދަނިކޮށް އެ ޓީމު ހައިރާން ކޮށްލުމަށްފަހު ވިގަން އެތުލެޓިކް އިން ލީޑު ނެގީ މެޗު ނިމެން 11 މިނިޓަށް ވެފައިވަނިކޮށެވެ. ސިޓީގެ ޑިފެންޑަރ ވޯކަރއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ވިގަން އަށް މި ލަނޑު ޖަހައިދިނީ ގްރިގް އެވެ. މި ލަނޑާއެކު ވިގަން މޮޅުވިއިރު، ކުއާޓާ ފައިނަލްގައި އެ ޓީމު ނުކުންނަން ޖެހޭނީ ސައުތުހެމްޓަންއާ ދެކޮޅަށެވެ.

މެޗުގެ ނިމުމާއެކު އުފާފާޅުކުރުމުގެ ތެރެއިން ވިގަންގެ ސަޕޯޓަރުން ދަނޑަށް އެރިއިރު، މެންޗެސްޓާ ސިޓީގެ ފޯވާޑް އަގުއޭރޯއާ ވިގަންގެ ސަޕޯޓަރުންނާ ދެމެދު ވަނީ ހަމަނުޖެހުން ހިނގާފައެވެ. އަދި މިކަމުގެ ސަބަބުން އަގުއޭރޯއަށް ބޮޑު ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑުކަމަށް މީޑީޔާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް