ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ހާއްސަ ޖަލްސާގައި އިދިކޮޅު މެމްބަރުން ބައިވެރި ވެފައިނުވާތީ ރައީސް އޮފީހުން އެކަމާ ހިތާމަ ކޮށްފި އެވެ.
އެގޮތުން ރައީސް އޮފީހުން ވިދާޅުވެފައިވަނީ ޤައުމީގޮތުން މުހިންމު މި މައްސަލައިގައި ގޮތެއް ނިންމެވުމުގައި ބައިވެރިވެވަޑައިގަތުމަށް އިދިކޮޅު މެންބަރުން ދެކޮޅުހެއްދެވިކަން ދިވެހި ސަރުކާރުން ވަރަށް ހިތާމަޔާއެކު ފާހަގަކުރާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވުނު މި ޖަލްސާގައި އިދިކޮޅު މެންބަރުން ބައިވެރިވެވަޑައިނުގަތުމަކީ ހެޔޮނިޔަތުގައި ކުރައްވާފައިވާ ޢަމަލެއް ނޫންކަމާއި، މިކަމަކީ، މިހާރު ދިމާވެފައިވާ ދުސްތޫރީ މައްސަލަތައް އިތުރުވާނޭ ޢަމަލެއްކަމުގައިވެސް ސަރުކާރުން ފާހަގަކުރަމެވެ." ރައީސް އޮފީހުން ބުނެފައި ވެ އެވެ.
ރައީސް އޮފީހުން އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 257 ވަނަ މާއްދާއިން ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤާނޫނުހަދާ މަޖިލީހުން ކުރުމަށް ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވުމަކީ، ޒިންމާދާރުކަން ކުޑަޢަމަލެއްކަން ފާހަގަކުރަމުން، ދިވެހި ސަރުކާރުން އިދިކޮޅު މެންބަރުންނަށް ގޮވާލަނީ ޤާނޫނު ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޤައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދެއްވައިގެން، މުޅި ޤައުމުގެ ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރައްވައިގެން ޤައުމީގޮތުން މުހިންމު މި މައްސަލައިގައި ބައިވެރިވެވަޑައިގަތުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް