އިނގިރޭސި ޕްރިމިއާ ލީގުގައި އަބަދު ވެސް ވަރުގަދަ، ބޮޑު ކްލަބްތައް ކަމަށް މަޝްހޫރު ކްލަބްތަކެއް އޮވެއެވެ. އެގޮތުން ދެހާހުގެ އަހަރުތައް ފެށިގެން އައިއިރު ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ގޮތުގައި މަޝްހޫރުވެފައި އޮތީ މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ، ލިވަޕޫލް އަދި އާސެނަލް އެވެ. އެހެނަސް 2010 އިން ފެށިގެން މަޝްހޫރު ގަދަ 6 ބާރުގެ ގޮތުގައި ޓީމުތަކެއް ސިފަކުރެވެން ފެށުނެވެ. އެއީ ކުރިން ބުނެވުނު 4 ޓީމުގެ އިތުރުން މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް އެވެ.
މި ކްލަބްތަކުގެ މެދުގައި ވާދަވެރިކަން ބޮޑުއިރު، ޕްރިމިއާ ލީގުގެ ތާރީޚްގައި ވެސް އެންމެ ކާމިޔާބު، އަދި ވަރަށް ފަހަކާ ޖެހެންދެން ވެސް އެންމެ ގިނަ ކްލަބްތަކުން ޖެހިލުންވާ ކްލަބަށް ވެފައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ޔުނައިޓެޑުން 20 ފަހަރު ލީގު ކާމިޔާބު ކޮށްފައިވެއެވެ. އަނެއްކޮޅުން 1992 ވަނަ އަހަރު މިހާރުގެ ފޯމެޓަށް އިނގިރޭސި ޕްރިމިއާ ލީގުގެ ނަމުގައި ކްލަބް މުބާރާތް ތަޢާރަފު ކުރިފަހުން ލީގު ތައްޓެއް ހޯދިފައި ނުވިޔަސް، ލިވަޕޫލް އަކީ ޗެމްޕިއަންސް ލީގުގައި އެންމެ ކާމިޔާބު އިނގިރޭސި ކްލަބެވެ. އަދި ހަމައެހެންމެ މީގެ ކުރިން ލީގުގައި ވެސް ކާމިޔާބު ޓީމެއްގެ ގޮތުގައި އޮވެ 18 ފަހަރު ލީގު ކާމިޔާބު ކޮށްފައިވާ ޓީމެކެވެ.
ޔުނައިޓެޑާއި ލިވަޕޫލްގެ ވާދަވެރިކަމުގެ ވާހަކައަކީ ފުޓްބޯޅައިގައި އާ ވާހަކައެއް ނޫނެވެ. އެ ދެ ކްލަބް ކުޅޭ މެޗުތަކަށް ގިނަ ބައެއްގެ ލޯ އަމާޒުވަނީ ވެސް އެހެން ވެގެނެވެ. ތާރީޚަށް ބަލާނަމަ، މި ދެ ވާދަވެރީންގެ ތެރެއިން ކުރި ލިބެނީ ޔުނައިޓެޑަށެވެ. ޚާއްސަކޮށް، އެލެކްސް ފާގަސަން ގެ ކޯޗުކަމުގައި 1986 އިން 2013 އަށް ހޭދަވި 26 އަހަރުގެ ތެރޭގައި ޔުނައިޓެޑުން ހޯދި ޕްރިމިއާ ލީގުގެ 13 ތައްޓަކީ އެހެން ބަޔަކަށް އުންމީދު ކުރަން ވެސް ފަސޭހަ ކާމިޔާބީއެއް ނޫނެވެ. އެހެނަސް، ފާގަސަންއަށް ފަހު ޔުނައިޓެޑްގެ ރަން ޒަމާން ފާއިތުވެއްޖެއެވެ. އިނގިރޭސި ފުޓްބޯޅައިގެ މެދު އުޑުގައި ފިޔަޖަހަމުން އައި ޔުނައިޓެޑްގެ ތަރި އޮއްސިއްޖެއެވެ.
2013 ވަނަ އަހަރު ފާގަސަން އިސްތިއުފާ ދިނުމަށްފަހު ޔުނައިޓެޑުން ހޯދި އާ ކޯޗު ޑޭވިޑް މޮއިސް އާއެކު ޔުނައިޓެޑަށް ލީގު ނިންމާލަން ޖެހުނީ ޗެމްޕިއަންސް ލީގު އަދި ޔުރޮޕާ ލީގުގެ ޖާގައެއް ވެސް ނުލިބޭހާ ދަށުންނެވެ. އޭގެ ފަހުން ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް ކޮލިފައިވި އަހަރަށްވުރެ ގިނައިން ކޮލިފައި ނުވާ އަހަރެވެ. އަނެއްކޮޅުން ފާގަސަން އަށްފަހު އަދި ޕްރިމިއާ ލީގުގެ ތައްޓެއް ހޯދުމުގެ ނަސީބު ވެސް ލިބިފައެއް ނެތެވެ.
ބޮޑު ޚަރަދުކޮށް، ގިނަ ކުޅުންތެރިންތަކެއް ގެނެސްގެން ވެސް ސްކޮޑް ރަނގަޅު ނުކުރެވި، އޭގެ ތެރެއިން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލާ، އަނެއްކާ ވެސް އައު ކުޅުންތެރިންތަކެއް ގެނައުންފަދަ ބޮޑު ސަކަރާތްގަނޑެއްގައި ޔުނައިޓެޑުން އުޅޭއިރު، ވާދަވެރި ލިވަޕޫލް އިން ވަނީ ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ މައްޗަށް ގަދަވެގެންފައެވެ.
ލިވަޕޫލް އިން ފާއިތުވި އަހަރުތަކުގައި ލީގަށް ވާދަކޮށް، ފަހު ވަގުތު ހިތްދަތި ނާކާމިޔާބީތަކަކާ ކުރިމަތިވިޔަސް، މި އަހަރު ލީގު ހޯދުމަށް އެ ޓީމަށް ދެން ހުރަހެއް އޮތެކޭ ބުނެވޭކަށް ނެތެވެ. ލީގު ތާވަލުގެ 1 ވަނައިގައި ލިވަޕޫލް އޮތީ 16 ޕޮއިންޓްގެ ބޮޑު ލީޑަކާއެކުގައެވެ. އެވެސް، 2 ވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށްވުރެ 1 މެޗު މަދުން ކުޅެގެންނެވެ. ލިވަޕޫލްއަށް ބާކީ އޮތް 16 މެޗުގެ ތެރެއިން 10 މެޗު ކާމިޔާބު ކުރުމުން ލީގު ޔަގީން ވާނެއެވެ. އެއީ ސިޓީ ހުރިހާ މެޗަކުން މޮޅުވަމުން އައި ނަމަވެސް އެވެ.
ފާއިތުވި ސީޒަންގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، މި ސީޒަންގައި ލީގު ތަށި އުފުލާލުމަށް ލިވަޕޫލް ތައްޔާރުވާއިރު، ޔުނައިޓެޑް އޮތީ ލީގުގެ 5 ވަނައިގައެވެ. ލީގަށް ވާދަކުރެވޭ ފެންވަރެއްގައެއް ނޫނެވެ. މިހުރިހާ ކަމެއްގެ ތެރެއަށް ޔުނައިޓެޑަށް ކުރިމަތިވި އިތުރު ހިތްދަތިކަމަކީ ރޭގައި ވާދަވެރި ލިވަޕޫލް އަތުން ލީގުގައި ބަލިވުމެވެ. ވެން ޑައިކް އާއި ސަލާހްގެ ލަނޑުތަކުން 2-0 އިން ލިވަޕޫލް އިން ޔުނައިޓެޑް ބަލިކުރިއިރު، ލިވަޕޫލްއިން ޔުނައިޓެޑްގެ މައްޗަށް، މި ވާދަވެރިކަމުގައި ގަދަވެގެންފައިވާ މިންވަރު މުޅި މެޗުން ވެސް ކިތަންމެ ރީއްޗަކަށް ވެސް ފެނިގެން ދިޔައެވެ.
އެހެންކަމުން، ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގައި ވެސް އެންމެ ކާމިޔާބު އިނގިރޭސި ދެ ކްލަބްގެ ފޯރިގަދަ ވާދަވެރިކަން ކިތަންމެ ބޮޑަށް، މިއަދު ޔުނައިޓެޑް މި އޮތީ ލިވަޕޫލްއާ ވާދަކުރެވޭފަދަ ފެންވަރެއްގައިތޯ މިއީ އުފެދޭ، އުފައްދަން ޖެހޭ ސުވާލެކެވެ؟ ކިޔުންތެރިންގެ ޚިޔާލަށް ދޫކޮށްލަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް