ކުޑަކުދިންނަށް ކުރާ ގޯނާތަކާއި ގުޅިގެން ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ފަރުވާކުޑަކަން އޮޑިޓަ ޖެނެރަލް ނެރުނު ރިޕޯޓަކުން ހާމަވެއްޖެ އެވެ.
ކުޑަކުދިންނަށް ކުރާ ގޯނާތަކާ ގުޅިގެން ހުށަހަޅާ މައްސަލަތަކާ މެދު މުއައްސަސާތަކުން އަމަލުކުރަމުން އަންނަ ގޮތް ދެނެގަތުމަށް މިދިޔަ ނޮވެމްބަރު މަހު ހެދި ޕާފޯމަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ކުޑަކުދިންނަށް ކުރާ ގޯނާތަކުގައި ފުލުހުންގެ ތަހުގީގު އެތައް ދުވަހެއް ވާއިރު ވެސް ނުނިމޭ ކަމަށެވެ. އެގޮތުން ބައެއް މައްސަަލަތައް ނިންމަން ތިން އަހަރު ހޭދަވެފަ ހުރި ކަމަށް ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާގޮތުގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ހުށައަޅާ ބައެއް މައްސަލަތަކުގެ ތަހުގީގަށް ވަރަށް ގިނަ ދުވަސް ނަގަ އެވެ. އެކަމަކު އެ ޑިޕާޓްމަންޓުގެ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ ބުނާ ގޮތުން މައްސަލަ ހަވާލުކުރާތާ 10 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމަން ޖެހެ އެވެ.
އިތުރަށް ބުނެފައިވަނީ ފުލުހުންނާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހަޅާ މައްސަލަތައް ޖެންޑާ މިނިސްޓްރީއަށް ފޮނުވިޔަސް އެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުން ގެންގޮސްފައިނުވާ ކަމަށެވެ. އެހެންކަމުން އެ ދެ އިދާރާއިން މައްސަލަތައް ފޮނުވާފައިވަނީ މައްސަލަ ހުށަހެޅުނުތާ ކިހާ ދުވަހެއް ފަހުންކަން އެނގެން ނެތް ކަމަށެވެ.
ކުޑަކުދިންގެ މައްސަލަތަކުގައި ޖެންޑާ މިނިސްޓްރީ އިހުމާލުވެފައިވާ ވާހަކައަކީ މިހާރު އާންމުން އެންމެ ގިނައިން ދައްކަމުންދާ ވާހަކަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް