ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުން ފުލުހުންނާއި ހަވާލުކޮށްފި އެވެ.
މިކަމުގެ އެއްބަސްވުމުގައި ކޮމިޝަނުގެ ފަރާތުން ސޮއި ކުރެއްވީ ރައީސް އަހުމަދު ޝަރީފެވެ. ފުލުހުންގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރު މުހައްމަދު ހަމީދެވެ.
މި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ މި އިންތިހާބަކީ މީގެ ކުރިން ބޭއްވި އިންތިހާބުތަކަށް ވުރެ ސަލާމަތީ ކަންކަން ބަލަހައްޓަން ޖެހޭ ގޮތް ތަފާތުވާނެ އިންތިހާބެއް ކަމަށެވެ. އެގޮތުން ވޯޓުލާ މަރުކަޒުތައް ގިނަވުމާއި އެކު މާލޭގައި ސަލާމަތީ ކަންކަން ބަލަހައްޓަން ޖެހޭ ސަރަހައްދު ބޮޑުވާނެ ކަމަށެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެހެން ފަހަރުތަކާއި އެއްގޮތަށް އިލެކްޝަނާއި ގުޅިގެން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ވޯޓުލާން މަރުކަޒުތަކަށް ދާ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް ފުލުހުން މަސައްކަތް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ފުލުހުންގެ އިދާރާއިން މިހާރުވެސް ފަށާފައިވާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބުގައި ފުލުހުންގެ އެހީތެރިކަން ހޯދާނީ ވޯޓު ފޮށިތަކާއި ލިޔެކިޔުންތައް އެއްތަނުން އަނެއް ތަނަށް އުފުލުމަށާއި ވޯޓު ކަރުދާސް ޕްރިން ކުރާއިރު އާއި ވޯޓު ލުމާއި ގުނާ ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މިފަހަރުގެ އިންތިހާބުގައި ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކަށް ޖުމްލަ980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް