އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫ ބޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އެގޮތުން އުރީދޫ މޯލްޑިވްސް ޕލކ އިން އ...

20 Jan 2020 | 06:36

އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެގޮތުން އުރީދޫ މޯލްޑިވްސް ޕލކ އިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް އެޕްލިކޭޝަން ހުށަހެޅުމާ ގުޅޭގޮތުން، 29 ޑިސެންބަރު 2019 ވީ އާދީއްތަ ދުވަހު ކޮށްފައިވާ އިއުލާނާ ހަވާލާދީ އުރީދޫއިން ބުނެފައިވަނީ އުރީދޫ މޯލްޑިވްސް ޕލކ އިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލައި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު  25 ޖަނަވަރީ 2020 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް އިތުރުކުރެވިފައިވާ ވާހަކަ އެންމެހައި ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް http://www.ooredoo.mv/investors/ އިން ލިބޭނެ ކަމަށާއި އަދި، ފިޒިކަލް ފޯމު، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް، ހ.ސަންލީޓު (5 ވަނަ ފަންގިފިލާ)، ބޮޑުތަކުރުފާނު މަގު، މާލެ، އިން ހަފްތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ (އާދިއްތަ އިން ބުރާސްފަތި ދުވަހަށް) ހެނދުނު 8:30 އިން ހަވީރު 4:30 އަށް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އެޕްލިކޭޝަން ފޯމު ހުށަހަޅާނީ އެންވެލޮޕްގެ ބޭރުގައި "ޑިރެކްޓަރުގެ އެޕްލިކޭޝަން" ލިޔެ ބަންދުކުރުމަށްފަހު، ހ.ސަންލީޓު (5 ވަނަ ފަންގިފިލާ)، ބޮޑުތަކުރުފާނު މަގު، މާލެ އަށެވެ. އަދި، ފޯމު އީމެލް ކުރާނަމަ، [email protected] އަށް އީމެއިލްކުރުން އުރީދޫއިން އެދެއެވެ.  "އަދި ދަންނަވަމެވެ. މި އިއުލާނުގައި އެޕްލިކޭޝަން ހުށަހެޅުމަށް އިތުރުކުރެވިފައިވާ މުއްދަތު ކަމުގައިވާ 25 ޖަނަވަރީ 2020 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ފޯމު ހުށަހެޅުން އެދެމެވެ." އުރީދޫއިން ބުނެފައިވެއެވެ.

އުރީދޫ މޯލްޑިވްސް އިން 29 ޑިސެންބަރު 2019 ވީ އާދީއްތަ ދުވަހު އިއުލާނުކޮށްފައިވާ ގޮތުގެ މަތިން، އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަކީ:

  • އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށް ވުން. ނުވަތަ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކީ ގާނޫނީ ޝަޚްސެއްނަމަ، އެ ޝަޚްސުގެ ފަރާތުން ހުށަހަޅާ ފަރާތެއް ކަމުގައި ވުން.
  • ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު: 96/10) އަދި މި ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން 14 ޖަނަވަރީ 2015 ގެ ތާރީޚުގައި އާންމުކޮށްފައިވާ "ކޯޕަރަޓް ގަވަރނަންސް ކޯޑް" ("ސީ.ޖީ. ކޯޑް") ގައި ބަޔާންކުރެވިފައިވާ ފެންވަރުތަކާއި ޝަރުތުތައް (އިންޑިޕެންޑަންޓް ޑިރެކްޓަރ ގެ ޝަރުތު ހިމެނޭގޮތަށް) ހަމަވާ ފަރާތެއް ކަމުގައި ވުން.
  • ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން އާންމުކޮށްފައިވާ ލިސްޓަޑް ކުންފުނި ތަކުގެ ބޯޑް ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕަރ" މިންގަނޑުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވުން.
  • ބައިނަލްއަޤްވާމީގޮތުން ބަލައިގަންނަ ޔުނިވަރސިޓީ އަކުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައިވުން.
  • ބައިނަލްއަޤްވާމީ ނުވަތަ ދިވެހިރާއްޖޭގެ ކުންފުންޏެއްގެ އިސް މަގާމެއްގައި މަދުވެގެން 10 (ދިހަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
  • މަދުވެގެން 1 (އެކެއް) އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުމާއެކު، ބޯޑު މެންބަރެއްގެ ގޮތުން ކޮށްފައިވާ ޚިދުމަތުގެ ރިކޯޑު ފެންނަން އޮތުން.
  • މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން، 2 (ދޭއް) ލިސްޓަޑް ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ  މަގާމަށް ވުރެ ގިނައިން މިވަގުތު ހުރި ފަރާތަކަށް ނުވުން.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް