ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުން އެކި މީސްމީހުންނަށް ދައުވާކުރާ މައްސަލަތައް ކޯޓުތަކުން އަވަސް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިގޮތަށް ނިންމީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެ އެފަދަ ކުށްކުރާ މީހުންނަށް އަދަބު ދިނުމުގައި ލަސްވަމުންދާ ކަމަށް ބުނެ ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި އެވެ.
ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކޯޓުތަކުގައި ލަސްވާ ސަބަބު ހޯދުމަށްޓަކައި ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ ބައްދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ މައްސަލަތައް އަވަސް ކުރަން އެޅޭނެ ފިޔަވަޅުތައް ބަލަން ފަށައި، މި ހަފުތާގެ ތެރޭގައި އެ މަސައްކަތް ނިންމަން އެ ކޮމިޝަނުން މިހާރު ނިންމާފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ޝަރީއަތް، ބްލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން ބަލަން ފެށޭނެ ގޮތެއް ހަމަޖެއްސުމަށް ނިންމާފައިވެ އެވެ.
ކަނޑުހުޅުދޫ ކުއްޖާ ރޭޕް ކުރި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އެވެ. އަދި ކުއްޖާ މަންމަގެ އާއިލާ އާއި ހަވާލު ކުރަން ދެކޮޅުހެދި މައްސަލައިގަ ކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް