ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި ސަލްމާން ޚާން އަކީ ވަރަށް ހާއްސަ ފަރާތެއް ކަމަށާއި ފިލްމީ ދާއިރާގައި ސަލްމާން ޚާން ވަނީ އެތައް ކަންތައްތަކެއް ކޮށްދީފައިކަމުގައި ބޮލީވުޑް ބަތޮލާ ޒަރީން ޚާން ބުނެފި އެވެ.
އޭނާ މިހެން ބުނެފައިވަނީ އިންޑޯ އޭސިއަން ނިއުސް ސާވިސް އަށް ދީފައިވާ ހާއްސަ އިންޓަވިއުއެއްގައި އެވެ.
ބޮލީވުޑް ފިލްމު އިންޑަސްޓްރީއަށް ޒަރީން ޚާން ތައާރަފް ވެގެން ދިޔައީ 2010 ވަނަ އަހަރު ސަލްމާން ޚާން އާއެކު ކުޅެފައިވާ "ވީރް" މި ފިލްމުންނެވެ. އޭގެ ފަހުން "ދަބަންގް" އަދި "ރެޑީ" ގައިވެސް މި ދެތަރިން އެކުގައި ވަނީ ފެނިގެން ގޮސްފައި އެވެ.
"އަހަންނަށް އެނގޭ އެތައް ބަޔަކު މި ދާއިރާއަށް އަންނަނީ ފޮނި އުންމީދުތަކަކާއެކުގައިކަން، އެހެން ނަމަވެސް އެ އުންމީދުތައް ގިނަ ބަޔަކަށް ހާސިލެއް ނުވޭ، އަހަންނަށް އެ އުންމީދުތައް ހާސިލުވުމުގެ ބޮޑު ހިއްސާއެއް ސަލްމާންގެ އޮންނާނެ ސަލްމާން އަހަންނަށް އެތައް ކަމެއް ކޮށްދީފި" ޒަރީން ޚާން ބުނެފައި ވެ އެވެ.
މި ބަތޮލާ އެންމެ ފަހުން ކުޅެފައިވާ ފިލްމަކީ "1921" އެވެ. ބިރުވެރި މި ފިލްމު މި މަހުގެ 12 ވަނަ ދުވަހު ރިލީޒް ކޮށްފައިވާއިރު މި ބަތޮލާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ފިލްމު "ވަން ޑޭ"ގައި އެވެ. މި ފިލްމުގައި އޭނާ ކުޅެނީ ފުލުސް އޮފިސަރެއްގެ ރޯލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް