ރަސޫލާ ﷺ މަންމާފުޅު ދެކެ ވި ލޯބިން ތިބާ ރޮއްވާލާނެ!

މާތް ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމް އަކީ މި އުއްމަތަށް ރަހުމަތެއް ކަމުގައި ފޮނުންވި މާތް ރަސޫލާ އަދި ނަބިއްޔާއެވެ. އެކަލޭގެ ފާނުގެ މަންމާފުޅު ވަނީ އެކަލޭގެ ފާނުގެ އުމުރުފުޅުން ހަ އަހަ...

07 Dec 2019 | 21:59

މާތް ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމް އަކީ މި އުއްމަތަށް ރަހުމަތެއް ކަމުގައި ފޮނުންވި މާތް ރަސޫލާ އަދި ނަބިއްޔާއެވެ. އެކަލޭގެ ފާނުގެ މަންމާފުޅު ވަނީ އެކަލޭގެ ފާނުގެ އުމުރުފުޅުން ހަ އަހަރުގައި އަވަހާރަވެފައެވެ.

މަންމާފުޅު އަވަހާރަވިއިރު އަރިހުގައި ރަސޫލާ (ސ.އ.ވ) ހުންނެވިއެވެ. ވިސާނާލާށެވެ. އެކަލޭގޭފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އިރު ބައްޕާފުޅު ވަނީ އަވަހާރަވެފައެވެ. އެ ތުއްޕުޅު އުމުރުފުޅުގައި މަންމާފުޅު އަވަހާރަވުމުން އެ މައުސޫމް ތުއްތު ތުއްތު ހިތްޕުޅަށް ލިބޭނެ ވޭނާ އިހްސާސް ތިބާ ވިސްނާލިން ހެއްޔެވެ. ﷲ ގެ ރަހުމަތާއި މަދަދު އެކަލޭގެ ފާނަށް ވަނީ ތަނަވަސްވެގެންނެވެ. އެކަލޭގެ ފާނު ބޮޑުފުޅުވީ ސީދާ ﷲ ގެ ރައްކާތެރިކަމުގައެވެ. ދުނިޔެއަށް ވަޑައިގަތުމުގެ މާ ކުރިންވެސް އެކަލޭގެ ފާނު ވަނީ ﷲ ގެ ޚާއްސަ މަދަދާއި ރައްކާތެރިކަމުގައެވެ. އާއެކެވެ. އެއީ ﷲ ގެ ހަބީބެވެ. އެކަލާނގެ ހަޒުރަތުގައި މަތިވެރި މަގާމާއި ޝަރަފުގެ ވެރިޔާއެވެ. ގިޔާމަތްދުވަހުން ޝަފާއަތަށް އެދި އެކަލާގެ ހަޒުރަތުގައި ދަންނަވާނޭ މާތް ނަބިއްޔާ (ސ.އ.ވ)  އެވެ.

އެކަލޭގެ ފާނުގެ މަންމާފުޅުދެކެ އިންތިހާއަށް ލޯބިވެވަޑައިގެންނެވިއެވެ. ހައްޖަތުލް ވަދާއުގައި އަބްވާ އޭ ކިޔުނު ސަރަހައްދަށް ވަޑައިގެން، އެކަލާގެ ފާނަށްޓަކައި މެހްމާންދާރި ތައްޔާރުކުރެވިފައިވަނިކޮށް، ޚިޔާރުކުރެއްވީ މަންމާފުޅުގެ މަހާނައަށް ޒިޔާރަތްކުރައްވާ އެތަނުގައި ވަގުތު ހޭދަކުރެއްވުމަށެވެ. މަންމާފުޅު އަވަހާރަވީ ރަސޫލާ (ސ.އ.ވ) އުމުރުފުޅުން އެންމެ ހަ އަހަރުގައެވެ. ހައްޖަތުލް ވަދާއުއަށް ވަޑައިގެންނެވީ އުމުރުފުޅުން 63 ވަނަ އަހަރުވެއެވެ. މަންމާފުޅު އަވަހާރަވިތާ 57 އަހަރު ފަހުންނެވެ. އެހެނަސް އެ ޒަޚަމްތަކާއި އެ އަސަރުތައް އެކަލޭގެފާނުގެ ހިތްޕުޅުގައި ވަނީ ބިންވަޅުނެގިފައެވެ. މަންމާފުޅުގެ މަހާނައަށް ވަޑައިގެން މަހާނަކައިރީގައި އިށީދެވަޑައިގަތެވެ. އަދި އެ މާތް ލޯފުޅުން ހޯސްލާފައި ކަރުނަ އޮހޮރިގަތެވެ. ތުއްތުކުއްޖަކު ރޯނޭ ހެން އެކަލޭގެފާނު ކީރިތި ކުރެއްވިއެވެ. ތުބުޅުފުޅު ތެމި ފޯވަންދެން ކީރިތި ކުރެއްވިއެވެ. މުޅި ރޭ މަންމާފުޅުގެ މަހާނަ ކައިރީގައި ހޭދަކުރެއްވިއެވެ.

އޭ އިންސާނާއެވެ. އޭ ޒުވާނާ އެވެ. އޭ އުޚްތާއެވެ. އޭ އަޚާއެވެ. ތިބާގެ ރަސޫލާ މަންމާފުޅުދެކެވާ ލޯބި ފެނޭހެއްޔެވެ. އިވޭ ހެއްޔެވެ. ތިބާގެ މަންމަ ނިޔާވެފައި ވާނަމަ ތިބާގެ ދުޢާއިން އެ މަންމައަށް ބާއްޖަވެރިކަން ގެނެސްދޭށެވެ. ދުނިޔޭގައި ހުރިނަމަ އެ މަންމަ އަށް ހިދުމަތްކުރާށެވެ. ހަނދާންނައްތާނުލާށެވެ. ﷲގެ ރުއްސެވުން ވަނީ މަންމަގެ ރުހުމުގައެވެ. މަންމައަށް ލޯބިދޭށެވެ. މަންމަ އުފާކޮށްދޭށެވެ. މަންމަ އަށް ހިދުމަތްކުރަންވީ ވަގުތަކީ މިއަދެވެ. މާދަމާ އަށް ލަސްނުކުރާށެވެ. މާދަމާ އަށް ފަސްކޮށްފިނަމަ މާ ލަސްވެދާނެއެވެ.

https://www.youtube.com/watch?v=uzRZDia5ynI

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް