އިންޑިއާގެ ގުޅުމުން ނުރައްކަލެއް ނެތް، ރާއްޖެއަށް ގިނަ ފައިދާތަކެއް ވާނެ: ސަރުކާޜު

އިންޑިއާ އާއި އެކު ރާއްޖެއިން ބާއްވަމުންދާ ގުޅުމުގައި ނުރައްކަލެއް ނެތް ކަމަށް ސަރުކާރުން ބުނެފި އެވެ. ދެ ގައުމުގެ ގުޅުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެފައި މިވަނީ އިދިކޮޅު ޕީޕީއެމް/ ޕ...

19 Dec 2021 | 16:50

އިންޑިއާ އާއި އެކު ރާއްޖެއިން ބާއްވަމުންދާ ގުޅުމުގައި ނުރައްކަލެއް ނެތް ކަމަށް ސަރުކާރުން ބުނެފި އެވެ.

ދެ ގައުމުގެ ގުޅުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެފައި މިވަނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ވަރުގަދަ ވަމުން ދަނިކޮށެވެ. މި ކެމްޕެއިން އަތޮޅުތެރެއަސް ފުޅާ ކުރަން ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާއި އެކު އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ އާއި އެކު ބާއްވަމުން އަންނަ ގުޅުން ރާއްޖެއަށް ގިނަ ފައިދާތަކެއް ވާނެ ކަމަށެވެ. ބަޔާނުގައި ބުނެފައިވާ ގޮތުގައި އިންޑިއާއާ މެދު ނަފްރަތު އުފައްދާ ދޮގު ތުހުމަތުތައް ކުރުމަކީ މި ގައުމަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ދޭ އެ ގައުމާއި އެކު އޮންނަ ގުޅުން ހީނަރުވެގެންދާނެ ކަމެއް ކަމަށެވެ.

އިދިކޮޅު ކެމްޕެއިނަށް އިޝާރާތްކޮށް ބަޔާނުގައި ބުނެފައިވަނީ އެއީ މަދު ސިޔާސީ ބަޔަކު ވެގެން ރާއްޖޭގެ އެންމެ ގާތް އެކުވެރި ގައުމާ މެދު ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ސާބިތު ނުހިފޭ ވާހަކަތަކެއް ދައްކާ ހަރަކާތެއް ކަމަށެވެ. އެ ހަރަކާތާ މެދު ސަރުކާރުން ކަންބޮޑުވާ ކަމަށާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުން ކުރަން ޖެހޭނީ ޑިމޮކްރަޓިކް އަދި ޒިންމާދާރު ގޮތެއްގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ކެމްޕެއިންގެ ސަބަބުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރު ކުރާނެ ކަމަށެވެ. މިނިސްްރީން ބުނީ ބައިނަލްއަގުވާމީ ހުރިހާ ބައިވެރިންނާއެކު ޒަމާނުއްސުރެ އޮންނަ ގުޅުން ބިނާވެފައިވަނީ، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި އެއްބަސްވުންތަކާއި ގައުމީ އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން ކަމަށެވެ.

އެފަދަ މުއާމަލާތްތަކަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ސަރަހައްދީ މިނިވަން ކަމަށް އެއްވެސް ބުރުލެއް އަދި އުނިކަމެއް އަންނާނެ މުއާމަލާތްތަކެއް ނޫން ކަމަށް ސަރުކާރުން ބުންޏެވެ. އޭގެ ބަދަލުގައި އެއީ ރާއްޖޭގެ ގައުމީ މަސްލަހަތު ހިމާޔަތް ކުރާނެ ފަދަ ގުޅުންތަކެއް ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ސިޔާސީ ލީޑާޝިޕުން ޒިންމާދާރު ގޮތެއްގައި މަސައްކަތް ކުރުމާއި އަވަށްޓެރި ގައުމުތަކާއެކު އޮންނަ ގުޅުމަށް ބުރޫއަރާފަދަ ދޮގު ވާހަކަތައް ނުފަތުރުމަށް ވެސް އެ ބަޔާނުގައި ސަރުކާރުން ގޮވާލި އެވެ.

އިދިކޮޅުގެ ޑިމާންޑަކީ ރާއްޖޭގައި ގާއިމްވެތިބި އިންޑިއާގެ75 ސިފައިން ގައުމުން ބޭލުމެވެ. އެ ސިފައިންނަކީ އަސްކަރީ މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ އެކި މަސައްކަތް ކުރާ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް