ހުޅުމާލޭގެ އިތުރުން މާލޭގެ އެހެން ބިމެއްގައިވެސް އަރަބިއްޔާ ސްކޫލް އަޅަނީ

މާލޭގެ އެހެން ބިމެއްގައި އަރަބިއްޔާ ސްކޫލް އިމާރާތް ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ. މިކަން އިއުލާނު ކުރެއްވީ އަރަބިއްޔާ ސްކޫލް ދަރިވަރުން އިއްޒުއްދީން ސްކޫލަށް ވަގުތީގޮތުން ބަދަލު ކު...

19 Dec 2021 | 15:53

މާލޭގެ އެހެން ބިމެއްގައި އަރަބިއްޔާ ސްކޫލް އިމާރާތް ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

މިކަން އިއުލާނު ކުރެއްވީ އަރަބިއްޔާ ސްކޫލް ދަރިވަރުން އިއްޒުއްދީން ސްކޫލަށް ވަގުތީގޮތުން ބަދަލު ކުރަން ނިންމުމުން ހިތްހަމަ ނުޖެހުން ފާޅުކޮށް ކުރަމުންދާ އިހުތިޖާޖަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަޑައިގެން ދެއްކެވި ވާހަކައިގަ އެވެ. މި އިހުތިޖާޖު އޮތީ އެ ސްކޫލް ދޮރުމަތީގައި އެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި ސަރުކާރުން އަޅާ އެއް ސްކޫލް އަރަބިއްޔާ ސްކޫލަށް ހާއްސަ ކުރާ ވާހަކަ އިއުލާނު ކުރުމުން ބެލެނިވެރިން ކަންބޮޑުވުން ފާޅު ކުރި ނަމަވެސް އެކަމުގައި ހާސްވާން ޖެހޭ ކަމެއް ނެތް ކަމަށެވެ. ޑރ. އައިޝަތު އަލީ ވިދާޅުވީ އެއީ އަރަބި މީޑިއަމްއަށް ކިޔަވައިދޭ އަރަބިއްޔާގެ ވަކި ސްކޫލެއް ކަމަށެވެ.

އޭނާ ވިދާޅުވީ ހުޅުމާލެއެކޭ އެއްގޮތަށް މާލޭގެ އެހެން ބިމެއްގައިވެސް އަރަބިއްޔާ ސްކޫލް އިމާރާތް ކުރާނެ ކަމަށެވެ. އެ ބިން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގެ އެހެން ބިމެއްގައި ސްކޫލް އެ ޅުމަށް ނިންމީ މިހާރު އަރަބިއްޔާ ހިންގާ އިމާރާތް ކުޑަކަމުން ބެލެނިވެރިންނާއި މެނޭޖްމެންޓުގެ ކަންބޮޑުވުންތައް ހުރުމުން ކަމަށެވެ.

އަަރަބިއްޔާގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ވަގުތީ ގޮތުން ބަދަލު ކުރަން ނިންމީ އަރަބިއްޔާ ހިންގާ އިމާރާތުގެ ފާރުތަކުގައި ރެނދުލައި އިމާރާތައް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެވެ. އަދި ހެދި އެސެސްމެންޓު ރިޕޯޓުން އިމާރާތަކީ ދަރިވަރުން ތިބެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނެފައިވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް