ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރަތް ކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ މެއިންޓަނެންސްގެ މަސައްކަތްތައް ރާއްޖެއިން ބޭރުގެ ދެ ކުންފުންޏަކާއި ހަވާޅު ކޮށްފި އެވެ.
މި މަަސައްކަތްތައް އެ ދެ ކުންފުންޏައި ހަވާލު ކުރީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް 20 މިލިއަން ރުފިޔާ އަށެވެ. ފިނޭންސް މިނިސްޓްރީން މިއަދު ވިދާޅުވީ އެ މަސައްކަތް ހަވާލުކުރީ، ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރި ސިންގަޕޫރުގެ ޝަންހުއާ ކޮންސްޓްރަކްޝަނާއި ތުރުކީގެ ޓާމެކްސް ކުންފުންޏާ ކަމުގައެވެ.
އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ މެޑިކަލް ސާމާނުތަކުގެ މެއިންޓަނެންސް މަސަައްކަތް ހަވާލުކުރީ 4.6 މިލިއަން ރުފިޔާއަށް ޓާމެކްސްއާ އެވެ. އަދި އެއީ ދަރުމަވަންތަ ހޮސްޕިޓަލްގެ މެޑިކަލް ސާމާނުތައް ވެސް ސަފްލައި ކޮށްދިން ކުންފުންޏެވެ. އެ މިނިސްޓްރީން ހާމަކުރާގޮތުގައި، ދަރުމަވަންތަ ހޮސްޕިޓަލްގެ މެޑިކަލް ސާމާނުތަކުގެ މެއިންޓަނެންސްގެ މަސައްކަތްތައް ޓާމެކްސްއާ ހަވާލުކުރީ
ކުރިން ކޮށްފައިވާ ކަންކަމުގެ ފެންވަރު އެންމެ ރަނގަޅަށް ހިފެހެއްޓޭނީ އެ ކުންފުންޏަށް ކަމުގައި ވާތީ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތުގެ ސިސްޓަމްތައް ހިމެނޭ ގޮތަށް، އެ ތަނުގެ މެއިންޓަނެންސްގެ މަސައްކަތްތަށް ހަވާލުކޮށްފައި ވަނީ 15.7 މިލިއަަން ރުފިޔާ އަށް ޝަންހުވާއާ އެވެ. އެ މިނިސްޓްރީން ހާމަ ކުރާގޮތުގައި އިމާރާތުގެ މެއިންޓަނެންސްގެ މަސައްކަތްތައް ޝަންހުއާއާ ހަވާލުކުރީ އެފަދަ އިމާރާތެއްގެ މެއިންޓަނެންސްގެ ކަންކަން ބެލެހެއްޓުމުގެ ގާބިލުކަން އެހެން ކުންފުންޏެއްގެ ނެތުމުންނެވެ.
މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން، މެއިންޓަނެންސް މަސައްކަތް ކުރަން އެ ހޮސްޕިޓަލުގެ މުވައްޒަފުން ތަމްރީނު ކުރަން ވެސް ވަނީ ރައީސް އޮފީހުން އެދިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް