ވ. އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާާ މަޝްވަރާ ކުރައްވައިފި އެވެ.
މި މަޝްވަރާ ކުރައްވާފައިވަނީ ޓޫރިޒަމް މިނިސްޓަރ ވ. އަތޮޅަށް މިހާރުކުރައްވާ ދަތުރުފުޅުގަ އެވެ.
ވ. ތިނަދޫ ޕްލޫމޭރިޔާ ގެސްޓް ހައުސްގައި ރޭ ބޭއްވި މި މަޝްވަރާގައި އި އެ އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި ވ. އަތޮޅު ރައްރަށުގެ ކައުންސިލުތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަތޮޅުގައި ފަތުރުވެރިކަން ކުރުމަށް ދިމާވެފައިވާ ގޮންޖެހުން ތަކާއި ފަތުރުވެރިކަން ކުރިއެރުވުމަށް ދިމާވެފައިވާ މައްސަލަތަކާއި މެދު ވަނީ މަޝްވަރާކޮށްފަ އެވެ. އަދި މި އެފަރާތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި މިނިސްޓަރ ވިދާޅުވި ކަަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
މީގެ އިތުރުން މިފެށޭ 2022 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބިލް އަހަރުކަމަށްވާތީ، އެ އަހަރު ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ވ. އަތޮޅުން ކުރައްވާނެ ކަންކަކަމާމެދު ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.
މިނިސްޓަރ ޑރ. މައުސޫމުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ހުރިހާރަށްރަށަކަށް ޒިޔާރަތްކުރެއްވުމަށްވަނީ ހަމަޖެހިފަ އެވެ.
ވ. އަތޮޅަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށްވާ އިރު، އަތޮޅުގެ ފަތުރުވެރިކަން ކުރިއެރުވުމަށް އަތޮޅު ކައުންސިލުންނާއި ރައްޔިތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް