"ރީކަނެކްޓް ވިތް މޯލްޑިވްސް" ޕްރޮގްރާމް ސީއެންއެންގެ ފީޑްތަކުގައި ދައްކައިފި

ރާއްޖެއިން ފަތުރުވެރިންނަށް ކުރެވޭ ތަފާތު ތަޖުރިބާތައް ދައްކުވައިދިނުމަށް ހާއްސަކޮށްފައިވާ "ރީކަނެކްޓް ވިތް މޯލްޑިވްސް" ޕްރޮގްރާމް ސީއެންއެންގެ ފީޑްތަކުގައި ދައްކައިފި އެވެ. މި ޕްރޮގްރާމް ސީއެންއެން ފ...

19 Dec 2021 | 06:38

ރާއްޖެއިން ފަތުރުވެރިންނަށް ކުރެވޭ ތަފާތު ތަޖުރިބާތައް ދައްކުވައިދިނުމަށް ހާއްސަކޮށްފައިވާ "ރީކަނެކްޓް ވިތް މޯލްޑިވްސް" ޕްރޮގްރާމް ސީއެންއެންގެ ފީޑްތަކުގައި ދައްކައިފި އެވެ.

މި ޕްރޮގްރާމް ސީއެންއެން ފީޑްތަކުގައި ދައްކާފައި މިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް) އަދި ސީއެންއެން އިންޓަރނޭޝަނަލް ގުޅިގެން ކުރިއަށް ގެންދާ ގްލޯބަލް ކެމްޕެއިންގެ ދަށުން ނެވެ.

30 މިނެޓުގެ މި ޕްރޮގްރާމް ޕްރިމިއަރ ކޮށްފައިވަނީ 11 ޑިސެންބަރުގަ އެވެ. މި ޕްރޮގްރާމް ސީއެންއެންގެ ޔޫރަޕް، މިޑިލްއީސްޓް، އެފްރިކާ، އޭޝިއާ ޕެސިފިކް، ސައުތް އޭޝިއާ، ނޯތް އެމެރިކާ އަދި ލެޓިން އެމެރިކާގެ ފީޑްތަކުގައި ވަނީ ދައްކާފަ އެވެ. ޕްރޮގްރާމްގެ ރިޕީޓު 11 އަދި 12 ޑިސެންބަރުގައި މި ފީޑްތައް މެދުވެރިކޮށް 4 ފަހަރު ވަނީ ދައްކާފަ އެވެ.

މި ޕްރޮގްރާމްގައި ބެލުންތެރިންނަށް ރާއްޖޭގެ ރަށްރަށުގެ އާންމު ދިރިއުޅުމާއި، ކާނާ އަދި ސަޤާފީ ކަންކަން ވަނީ ދައްކާފަ އެވެ. މީގެއިތުރުން ޔުނެސްކޯ ބަޔޮސްފިއަރ ރިޒަރވް، ބ އަތޮޅުގައި ހަރަކާތްތެރިވާ މަންޓާ ޓުރަސްޓް، ރީފްސްކޭޕާޒް، ރާއްޖޭގެ ފުރަތަމަ އަންހެން ޕަޑީ ކޯސް އިންސްޓްރަކްޓަރ، ޝެފަކާއި، ހުސް އަންހެން ކަނބަލުން ހިމެނޭ ފަތްމިނި ބޮޑުބެރު ގްރޫޕްވެސް ވަނީ މި ޕްރޮގްރާމްގައި ދައްކާފައެވެ. ރީކަނެކްޓް ވިތް މޯލްޑިވްސް ވަނީ ސީއެންއެންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައިވެސް ޝެއަރކޮށްފަ އެވެ.

ރީކަނެކްޓް ވިތް މޯލްޑިވްސް ޕްރޮގްރާމް ދައްކާފައި މިވަނީ އެމްއެމްޕީއާރުސީ އަދި ސީއެންއެންއިން، ސެޕްޓެންބަރު 2021 އިން ޑިސެންބަރު 2021 ގެ ނިއަލަށް ކުރިއަށް ގެންދާ ގްލޯބަލް ކެމްޕެއިންގެ ދަށުން ނެވެ. މި ކެމްޕެއިންގެ މަޤްސަދަކީ އައު އާންމު ހާލަތުގައި ރާއްޖެއަކީ ފަތުރުވެރިން ބޭނުންވާ ރައްކާތެރިކަމާއި، މިފަދަ ހާލަތާއި ގުޅޭ އެކި ހިދުމަތްތައް ފޯރުކޮށްދޭ މަންޒިލެއްގެ ގޮތުގައި މާކެޓްކުރުމެވެ.

މިގޮތުން ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލްކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގައި އެޅިފައިވާ ހަރުދަނާ ފިޔަވަޅުތައް މި ކެމްޕެއިންގެ ޒަރިއްޔާއިން އިޝްތިހާރުކުރެވޭނެ އެވެ. އަދި ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވަނީ ވަކި ވަކިން ކަމުން، މިއީ ގައިދުރުކަން ދެމެހެއްޓުމަށް ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ތަފާތު ޚިދުމަތްތަކާއި، ތަޖުރިބާތައް ވެސް މި ކެމްޕެއިންގެ ޒަރިއްޔާއިން ޕްރޮމޯޓުކުރެވޭނެ އެވެ. މި ކެމްޕެއިންގެ ތެރެއިން ސީއެންއެންގެ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ރާއްޖެ ދަނީ އިޝްތިހާރު ކުރަމުން ނެވެ.

އެމްއެމްޕީއާރުސީގެ ގްލޯބަލް މާކެޓިންގ ސްޓްރެޓަޖީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް، ބޭރުގެ އެކި ފަރާތްތަކާއެކު ޕާޓްނަރޝިޕް އަދި މާކެޓިންގ ކެމްޕެއިންތައް ހިންގުމަށް ޤާއިމްކޮށްފައިވާ ސްޓްރެޓަޖީއެކެވެ.

މި ސްޓްރެޓަޖީގެ ދަށުން ކޮންމެ އަހަރަކު ވެބިނަރތަކާއި، މާކެޓިންގ ހަރަކާތްތައް، ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ކެމްޕެއިންތަކާއި އެހެނިހެން ހަރަކާތްތައް ހިންގާ، ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނަށް ފޯރުކޮށްދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް