ކެރެލާގެ ދެ ސިޔާސީ ލީޑަރަކު މަރާލައިފި، އެކަަކުގެ މަރުގެ ތުހުމަތު ހަރުކަށި ހިންދޫންނަށް!

އިންޑިއާގެ ކެރެލާ ސްޓޭޓްގެ މަޝްހޫރު ދެ ސިޔާސީ ލީޑަރަކު މަރާލައިފި އެވެ. މި ދެމީހުންވެސް މަރާލާފައިވަނީ ކެރެލާގެ އަލައްޕުޒާ ސިޓީގައި އެވެ. މަރާލާފައިވަނީ އިންޑިއާގެ ވެރިކަން ކުރާ މައި ޕާޓީ ބީޖޭޕީގެ ކެރ...

19 Dec 2021 | 06:25

އިންޑިއާގެ ކެރެލާ ސްޓޭޓްގެ މަޝްހޫރު ދެ ސިޔާސީ ލީޑަރަކު މަރާލައިފި އެވެ.

މި ދެމީހުންވެސް މަރާލާފައިވަނީ ކެރެލާގެ އަލައްޕުޒާ ސިޓީގައި އެވެ. މަރާލާފައިވަނީ އިންޑިއާގެ ވެރިކަން ކުރާ މައި ޕާޓީ ބީޖޭޕީގެ ކެރެލާ ގޮފީގެ ލީޑަރު ރަޖިތް ސްރްނިވާސަން އާއި ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އޮފް އިންޑިއާ (އެސްޑީޕީއައި)ގެ ކެރެލާގެ ލީޑަރު ކޭއެސް ޝާން އެވެ.

މީގެ ތެރެއިން ފުރަތަމަ މަރާލާފައިވަނީ ކޭއެސް ޝާން އެވެ. ޝާންއަށް ހަމަލާދިނީ ސައިކަލުގައި ދަނިކޮށް ކާރަކުން އޭނާގެ ސައިކަލުގައި ޖައްސައި އެކްސިޑެންޓު ކޮށްލައިގެންނެވެ. އޭނާ މަރުވީ މި އެކްސިޑެންޓުގައި ލިބުނު އަނިޔާތަނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.

ބީޖޭޕީގެ ލީޑަރު ރަޖިތް މިއަދު މަރާލީ ގޭގައި އުޅެނިކޮށް ގްރޫޕަކުން ގަދަކަމުން އެގޭތެރެއަށް ވަދެގަނެ، އޭނާއަށް ހަމަލާދީގެންނެވެ. އެމީހުން ވަނީ އޭނާ މަރުވަންދެން ތަޅާ އަނިޔާކޮށްފަ އެވެ.

މި ދެމީހުންގެ މަރާއި ގުޅިގެން ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރަވީ ވިޖަޔަން ވިދާޅުވީ މި މަރުތަކުގެ ފަހަތުގައި ވާ މީހުން ހޯދުމަށް ފުލުހުން އެންމެ ތަންކޮޅެއްވެސް ދޫނުކޮށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިފަދަ ހަމަލާތަކުގެ ސަބަބުން ސްޓޭޓްގެ ނަން ކިލަނބުވާ ކަމަށް ވިދާޅުވި އެވެ.

މި ހަމަލާތަކާއި ގުޅިގެން އެސްޑީޕީއައި އިން ބުނީ ޝާން މަރާލީ އިންޑިއާގެ ރަޝްޓްރިއާ ސްވަޔަމްސޭވަކް ސަންގް (އާރުއެސްއެސް) ގެ މެމްބަރުން ކަމަށެވެ. އާރުއެސްއެސް އަކީ ހިންދޫ ހަރުކަށި ފިކުރުގެ ޖަމާއަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް