ރަށްވެހި ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި - ފުރަތަމަ މެޗުގައި ފަހުލަވާން އަދި ރޭވަން ސްޕޯޓްސް

ރަށްވެހި ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި އެވެ. މިއީ ފ. ނިލަންދޫ ޒުވާނުންތަކެއް އިސްނަގައިގެން އުފައްދާފައިވާ ރަށްވެހި ގްރޫޕުން ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫއާއި ނިލަންދޫ ސްޕޯރޓްސ...

19 Dec 2021 | 05:42

ރަށްވެހި ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި އެވެ.

މިއީ ފ. ނިލަންދޫ ޒުވާނުންތަކެއް އިސްނަގައިގެން އުފައްދާފައިވާ ރަށްވެހި ގްރޫޕުން ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫއާއި ނިލަންދޫ ސްޕޯރޓްސް ކްލަބާއި ގުޅިގެން ޑިސެމްބަރު މަހު ފަހުކޮޅު ނިލަންދޫގައި ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ. މި މުބާރާތް ފ. އަތޮޅަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވަނީ ނިލަންދޫ "އަލަނާސި ކެފޭ އެންޑް ބިސްޓްރޯ" ގަ އެވެ.

މި ހަފުލާގައި މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވެފައި ވެއެވެ.

2019 ވަނަ އަހަރުން ފެށިގެން ފުޓްސަލް މުބާރާތްތައް ނިލަންދޫގައި ބާއްވަމުން އަންނަ ރަށްވެހި ގްރޫޕުން ފުރަތަމަ ބާއްވާ ފުޓްބޯޅަ މުބާރާތް ފ. އަތޮޅަށް ހުޅުވާލި ނަމަވެސް މިފަހަރު މުބާރާތުގައި ބައިވެރިވެފައިވަނީ ހަމައެކަނި ނިލަންދޫގެ 4 ޓީމަކުން ނެވެ. އެއީ އެސް.ޖީ.ސީ އާއި ފަހުލަވާނާއި އެން.ވައި.ޖީގެ އިތުރުން ރޭވަން ސްޕޯރޓްސް ކްލަބެވެ.

ރާއްޖޭގައި ފާހަގަ ކުރާ އެއްބައިވަންތަކަމުގެ ދުވަހާއި ދިމާކޮށް މިމަހު 26 ގައި ފަށާ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ސްޕޯރޓްސް ކްލަބް ފަހުލަވާނާއި ރޭވަން ސްޕޯރޓްސް ކްލަބެވެ. ދެވަނަ މެޗުގައި 27 ވަނަ ދުވަހު ވާދަކުރާނީ ނިލަންދޫ ޔަންގް ޖެނެރޭޝަން (އެން.ވައި.ޖީ) އާއި ސްޕަރ ޖެނެރޭޝަން ކްލަބް (އެސް.ޖީ.ސީ) އެވެ.

ޑިސެމްބަރ 26 ން ޖެނުއަރީ 4 ވަނަ ދުވަހަށް ކުރިޔަށް ގެންދާ މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުޞޫލުން އެއްބުރު ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމު ފައިނަލަށް ދާގޮތަށެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ރަށްވެހި ގްރޫޕުން ހުށަހަޅާފައިވަނީ މިލްކުވާ ތަށްޓާއި 20000ރ. (ވިހިހާސް ރުފިޔާގެ) ފައިސާގެ ޢިނާމެވެ. މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވާ މިމުބާރާތް ރަށްވެހި ގްރޫޕުން ނިންމާފައިވަނީ ޖެހިޖެހިގެން 3 ވަނަ ފަހަރަށް ހޯދާ ތަށި މިލްކު ކުރާ ޓީމަކަށް 50000ރ. (ފަންސާސް ހާސް ރުފިޔާ) ގެ ފައިސާގެ ޢިނާމެއް ދިނުމަށެވެ.

މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ރަށުން ބޭރު 3 ކުޅުންތެރިން ކުޅުމުގެ ފުރުޞަތު ދީފައިވާ މިމުބާރާތުގައި ނަން މަޝްހޫރު ކުޅުންތެރިންތަކެއް ޓީމުތަކުން ނުފެނުނު ނަމަވެސް މީގެ ކުރިން ފަސްޓް ޑިވިޜަންގެ ޓީމުތަކަށް ކުޅެފައިވާ ބައެއް ކުޅުންތެރިން ޓީމުލިސްޓް ތަކުގައިވަނީ ހިމަނާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް