ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ އެލްޗޭއާއި ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ އެލްޗޭ އަތުން 3-2 ގެ ނަތީޖާއަކުންނެވެ.
ބާސާއިން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގެ 16 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ އޮސްމާން ޑެމްބެލޭ ނަގައިދިން ކޯނަރަކުން ފެރާން ޖުގްލާއެވެ. ޖެހިގެން އައި މިނެޓުގައި ބާސާއިން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރިއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގަވީއެވެ.
މެޗުގެ ފުރަތަމަ ހާފު ދެ ލަނޑުގެ ލީޑަކާއި އެކު ބާސާއިން ނިންމާލި ނަމަވެސް، އެލްޗޭއިން ވަނީ ދެވަނަ ހާފުގައި މޮޅުކުޅުމެއް ދައްކާ ފުލުފުލު ދެ ލަނޑު ކާމިޔާބު ކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެލްޗޭގެ ފުރަތަމަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޓެޓޭ މޮރެންޓޭއެެވެ. އެލްޗޭއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 63 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕެރޭ މީއާއެވެ.
ބާސާއިން މި މެޗުން މޮޅުވި ލަނޑު ކާމިޔާބު ކުރީ މެޗުގެ85 ވަނަ މިނެޓުގައެވެ. މެޗުން ބާސާ މޮޅުކޮށްދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނިކޯ ގޮންޒާލޭޒެވެ.
މި މޮޅާއެކު ބާސާއިން ވަނީ ތާވަލުގެ ހަތްވަނައަށް ޖެހިލާދައެވެ. އެ ޓީމު ހަތްވަނާގައި އޮތީ ކުޅުނު 17 މެޗުން ލިބުނު 27 ޕޮއިންޓާއި އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް