ޕްރިމިއާ ލީގު : ލީޑްސް ބަލިކޮށް އާސެނަލް ތާވަލުގެ ހަތަރުވަނާގައި ހަމަޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ލީޑްސް ޔުނައިޓާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އާސެނަލުން ތާވަލުގެ ހަތަރުވަނައިގައި ހަމަޖެހިލައިފިއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗުން އާސެނަލް މޮޅުވ...

19 Dec 2021 | 04:05

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ލީޑްސް ޔުނައިޓާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އާސެނަލުން ތާވަލުގެ ހަތަރުވަނައިގައި ހަމަޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން އާސެނަލް މޮޅުވީ ލީޑްސް އަތުން 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، އެޓީމުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ މެޗުގެ 16 ވަނަ މިނެޓުގައެވެ. އަލެކްސަންޑަ ލަކަޒޭޓް ދިން ބޯޅައަކުން އާސެނަލަށް ލީޑު ނަގައިދިން މި ލަނޑު ކާމިޔާބުކޮށްދިނީ ގަބްރިއެލް މާޓިނެއްލީއެވެ. އަދި މެޗުގެ 28 ވަނަ މިނެޓުގައި ގްރޭނިޓް ޝާކާ ދިން ޕާހަކުން މާޓިނެއްލީ ވަނީ އިތުރު ލަނޑެއް ޖަހައި، އާސެނަލް އަށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގައި އާސެނަލްގެ ތިންވަނަ ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަކާޔޯ ސަކާއެވެ.

ތިން ލަނޑުގެ ލީޑަކާއި އެކު މެޗުގެ ފުރަތަމަ ހާފު އާސެނަލުން ނިންމާލިއިރުު، މި މެޗުގެ ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލަނޑެއް ޖަހާ ރަފިނިއާ ވަނީ ލީޑްސްއަށް ފަރަޤު ކުޑަކޮށްދީފައެވެ. މި މެޗުގައި އާސެނަލުން ޖެހި ހަތަރުވަނަ ލަނޑު 84 ވަނަ މިނެޓުގައިި ޖަހައިދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެމީލް ސްމިތު ރޯވްއެވެ.

ރޭގެ މެޗަކީ މިފަހަރުގެ ލީގުގައި އާސެނަލުން ހޯދި 10 ވަނަ މޮޅެވެ. ރޭގެ މި މޮޅާއި އެކު ތާވަލުގެ ހަތަރުވަނައިގައި އާސެނަލް އޮތީ ކުޅުނު 18 މެޗުން ލިބުނު 32 ޕޮއިންޓާއެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް