ކެފޭ އުސޫލުން ޑުރަގު ހިދުމަތް ދެމުންދިޔަ ފަސް ގެއެއް ބަލާ ފާސްކޮށް 29 މީހަކު ހައްޔަރުކޮށްފި

ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތީގެ ހިދުމަތް ދެމުންދިޔަ ގެތަކެއް ބަލައި ފާސްކޮށް 29 މީހަކު ހައްޔަރުކޮށްފައިވާއިރު މިރޭ ވެސް މިހާރުވެސް މި އޮޕަރޭޝަންގެ ދަށުން ގެއެއް ބަލައި ފާސްކުރަމުން އަންނަ ކަމަ...

19 Dec 2019 | 17:30

ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތީގެ ހިދުމަތް ދެމުންދިޔަ ގެތަކެއް ބަލައި ފާސްކޮށް 29 މީހަކު ހައްޔަރުކޮށްފައިވާއިރު މިރޭ ވެސް މިހާރުވެސް މި އޮޕަރޭޝަންގެ ދަށުން ގެއެއް ބަލައި ފާސްކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް ފުލުހުން ހިއްސާކުރި ލިޔުމެއްގައި ބުނެފައިވަނީ މިހާރު ކުރިއަށްދާ އޮޕަރޭޝަނަކީ މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތަކަށް ނިސްބަތްވާ ފަރާތްތަކުން މާލޭގެ ބައެއް ގޭގޭގައި ހިންގާ މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރިކޮށް އެގެތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ (ކެފޭ އުސޫލުން) ހިދުމަތް ލިބޭގޮތަށް ތައްޔާރުކުރެވިފައިވާ ގެތަކަށް އަމާޒު ކުރެވިގެން ހިންގޭ ހާއްސަ އޮޕަރޭޝަނެއް ކަމަށެވެ.

"މި ކަމަކީ ތަނުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުގެ ރުހުމާއިއެކުގައި މާލީ މަންފާ ހޯދުމުގެ ނިޔަތުގައި ކުރާކަމެއްކަން ފާހަގަކުރަން، މި އޮޕަރޭޝަންތަކަކީ އެތަނުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތް ޒިންމާދާރު ކުރުމަށް ނުވަތަ ޖިނާއީ ތަހުގީގު ހިންގާ އެފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށްޓަކައި، ހިންގޭ އޮޕަރޭޝަންތަކެއްކަން ފާހަގަކުރަން" މި އޮޕަރޭޝަންގައި މިހާތަނަށް ފަސް ގެއެއް ބަލާ ފާސްކޮށްފައިވާކަން ހާމަކޮށް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން ފުލުހުން ބުނެފައިވާގޮތުގައި މި މަހުގެ ފަސް ވަނަ ދުވަހު ކ.މާލެ/މ. ފެޝަންމީޑް ގެ ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއްސާއެކު 11 މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި 12 ވަނަ ދުވަހު މ. ނަދީއިރުމަތީބައި ބަލާ ފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްސާއެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު މި މަހުގެ 16 ވަނަ ދުވަހު ހ. ވެލިރަންގެ ބަލާ ފާސްކޮށް 10 މީހަކު އަދި އިއްޔެ ގ. މެމޮރީވިލާ ބަލާ ފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މިހާރު ބަލާ ފާސްކުރަމުން އަންނަނީ މ. ލޮނުމިދިލިގެ ކަމަށާއި މި ގެތަކަކީ ތަކުރާރުކޮށް މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި ބަލާފާސްކުރެވިފައިވާ ގެތަކެއްކަން ފާހަގަކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް