2020 ގެ ޕްރޮގްރާމެއް އެކުލަވާލުމާއެކު 34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ނިންމާލައިފިއެވެ.
މިބައްދަލުވުމުގައި އަންނަ އަހަރު އިންފޯފިޝް މެމްބަރު ޤައުމުތަކުގައި އިންފޮފިޝް މެދުވެރިވެގެން ހިންގާނޭ ބައެއް ޙަރަކާތްތައް ހިމެނޭ ގޮތަށް ރޭވި 2020 ގެ ޕްރޮގްރާމުގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ބޭނުންވާ ބައެއް މުހިއްމު ތަމްރީނުތައް ހިންގާނޭ ދާއިރާތައް ކަނޑައެޅިފައިވެއެވެ.
އޭގެތެރޭގައި، މަސްވެރި އުޅަނދުތަކުގައި މަހުގެ ކޮލީޓި ހިފެހެއްޓުމާއި، މަސްވެރިކަމުގެ މާރކެޓްތަކުގެ ދިރާސާކުރާނެ ގޮތްތަކާއި ވެލިޔު ޗެއިން ދިރާސާކުރުމާއި ގުޅޭގޮތުން ތަމްރީނު ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
މިބައްދަލުވުމުގައި، ސައުތު އީސްޓް އޭޝިޔަން ފިޝަރީޒް ޑެވެލޮޕްމަންޓް ސެންޓަރ (ސީފްޑެކް) އާއި އިންފޯފިޝް އާދެމެދު، އިންފޯފިޝްގެ މެމްބަރު ޤައުމުތަކަށް މަސްވެރިކަމާއި އެކުއާކަލްޗަރ ގެ ދާއިރާއިން އެހީތެރިވުމަށް ޓަކައި، އެމް.އޯ.ޔޫ އެއް އެކުލަވާލުމާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވާާ އިރު، އެސެންޓަރުން މަސްވެރިކަމުގެ ތަރައްޤީކުރަން ކުރާ ބައެއް މަސައްކަތްތައް އިންފޯފިޝް އާއި ހިއްސާކުރުމާއި، 2020 ވަނަ އަހަރު ސީފްޑެކުން ހިންގާ ބައެއް ތަމްރީނުތަކުގައި އިންފޯފިޝްގެ މެމްބަރު ޤައުމުތައް ބައިވެރިވުމާއި ބެހޭ ގޮތުންވެސް މަޝްވަރާކޮސްފައިވެއެވެ.
މީގެކުރިން ސީފްޑެކްއިން ހިންގާ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީ އެސެންޓަރުގެ މެމްބަރު ޤައުމުތައް ކަމުގައިވާ އާސިޔާންގެ ޤައުމުތަކަށް އެކަންޏެވެ.
ނަމަވެސް މިއެމް.އޯ.ޔޫގައި ސޮއިކުރުމުން، އެސެންޓަރުން ހިންގާ ތަފާތު ތަމްރީނު ތަކުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބިގެންދާ އިރު، މިއީ ރާއްޖެފަދަ މިބާވަތުގެ ތަމްރީނަށް ބޭނުންވެފައިވާ ޤައުމަކަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެއެވެ.
34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުމުގައި މެމްބަރު 7 ޤައުމަކުން ޖުމްލަ 17 ފަރާތެއް ބައިވެރިވިއެވެ. އަދި އެފް.އޭ.އޯގެ މަންދޫބުންގެ އިތުރުން، އިންޓަރނެޝަނަލް 2 އޮބްސަރވަރުން ބައިވެރިވިއެވެ. އޭގެ އިތުރުން މިބައްދަލުވުމުގައި ފިޖީގެ މިނިސްޓަރ އޮފް ފިޝަރީޒް ހިޒް އެކްސެލެންސީ ސެމީ ކޮރޮއިލަވެސައު އަދި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ވަސީމް އަކްރަމް ބައިވެރިވެ ވަޑައިގެންނެވިކަން ފާހަގަކޮށްލަމެވެ.
34 ވަނަ އިންފޯފިޝް ގަވަރިންގ ކައުންސިލްއިން ނިންމާލީ 2020 ވަނަ އަހަރު، 35 ވަނަ ގަވަރިނިންގ ކައުނސިލް ގެ ރިޔާސަތު ބަލަހައްޓާ ޤައުމުކަމުގައިވާ ޕާކިސްތާނާއި ރިޔާސަތު ހަވާލުކުރުމަށްފަހުއެވެ. 35 ވަނަ ގަވަރނިންގ ކައުންސިލް ބޭއްވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާންގެ ކަރާޗީގައެވެ. މިބައްދަލުވުން ބާއްވާނެ ތާރީޙެއް ކަނޑައަޅާނީ އިތުރު މަޝްވަރާއަށް ފަހު މެމްބަރު ގިނަ ޤައުމުތަކަށް ފަސޭހަ ދުވަސްވަރެއްގައެވެ.
34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ކާމިޔާބުކަމާއެކު ބޭއްވުމަށް އެހީތެރިވީ ހުރިހާ ފަރާތްތަކަށް އިންފޯފިޝް ގަވަރނިންގ ކައުންސިލްގެ ޗެއަރމަން އާދަމް މަނިކު ޝުކުރު އަދާކުރިއެވެ. އަދި ދިވެހިރާއްޖެއިން އަދާކުރި ފުރިހަމަ މެހުމާންދާރީއަށް، ބައިވެރިވި ހުރިހާ މެމްބަރު ޤައުމުތަކުން ޝުކުރު އަދާކުރިއެވެ.
މިބައްދަލުވުން ބޭއްވިފައިވަނީ މާލެ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ޑިސެމްބަރު މަހުގެ 16 އިން މިއަދުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް