48 ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމުތައް ގާއިމުކޮށް ބޭނުންކުރަން ފެށުމަށް ރަސްމިއްޔާތެއް ބާއްވައިފިއެވެ.
އެންވަޔަރަންމަންޓް މިނިސްތްރީ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ކުރިއަށްގެންދާ "ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް" މަޝްރޫއުގެ ދަށުން ކުރެވުނު މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވީ ހޮޓެލް ޖެންގައި ިއަދުއެެވެ.
މިއީ މީހުން ދިރިއުޅޭ 160 ރަށަށް އަމާޒުކޮށްގެން ހަކަތައިގެ ދާއިރާގެ މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫއެވެ.
މި މަޝްރޫއުގެ ދަށުން ރަށްރަށުގައި ސޯލަރ ޕީވީ، ބެޓެރީ، ޑީސަލް ޖެނެރޭޓަރު އަދި އެނަރޖީ މެނޭޖްމަންޓް ސިސްޓަމް ހިމެނޭ ހައިބްރިޑް ނިޒާމުތައް ވަނީ ގާއިމުކުރެވިފައިވާ އިރު، މި ނިޒާމުތަކުން އުފައްދާ ކަރަންޓު އިސްރާފުވެގެންދާ މިންވަރު ކުޑަކުރުމަށް ރަށްރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުންވެސް ހިމެނެއެވެ. އަދި މި މަޝްރޫއުގެ ދަށުން މިހާތަނަށްވަނީ 48 ރަށެއްގައި 7.5 މެގަވޮޓުގެ ހައިބްރިޑް ނިޒާމުތައް ގާއިމުކޮށް ނިމިފައިވާ ކަމަށާއި މިއާއެކު މުޅި ރާއްޖޭގައި ޖުމްލަ އިއާދަކުރަނިވި ހަކަތަ ގާއިމުކޮށްފައިވާ މިންވަރު ވަނީ 21.5 މެގަވޮޓަށް އިތުރުވެފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން މިހާތަނަށް ގއ. ވިލިގިލި، ބ.ގޮއިދޫ، ތ.ބުރުނި، ޅ.ކުރެންދޫ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައާއި ހއ.އަތޮޅުގެ 14 ރަށް، ށ.އަތޮޅުގެ 13 ރަށް އަދި ނ.އަތޮޅުގެ 13 ރަށުގައި ހައިބްރިޑް ނިޒާމުތައް ގާއިމުކޮށްފައިވާ ކަމަށާއި މީގެ އިތުރުން 2021 ވަނަ އަހަރުގެ ނިޔަލަށް ހދ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ގއ، ގދ އަދި ސ އަތޮޅުގައި އިތުރު 25 މެގަވޮޓުގެ ނިޒާމުތައް ގާއިމުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި 2023 ވަނަ އަހަރުގެ ނިޔަލަށް 2018 ވަނަ އަހަރު ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ގާއިމުކޮށްފައިވާ އިންސައްތައަށްވުރެ، 20 އިންސައްތަ އުތުރަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ކަނޑައަޅާފައި ވުމާއެކު މި މަޝްރޫއުގެ ސަބަބުން މި ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް