މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އުފެދުނީއްސުރެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއަކީ ޕާޓީއަށް އިޚްލާސްތެރިއެއް ކަމަށާއި އެޕާޓީގެ ނައިބް ރައީސްއަކަށް އިންތިހާބުކުރަންޖެހޭ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާޙް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ އަސްލަމްއަށް ތާއީދު ކުރުމުގެ ގޮތުން ހޯމަ ދުވަހުގެ ރޭ މާފަންނުގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
އަސްލަމްއަކީ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީއަށް ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި، އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރި އެންމެ ގިނަ ދުވަސްވީ އެއް ބޭފުޅާ ކަމަށް ފަލާޙް ވިދާޅުވިއެވެ.
އަދި އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރުދަނާކަމާއި އެކީ ކުރިއަށް ގެންދިއުމުގައި އައްޑޫ ރައްޔިތުންގެ ހިއްސާ ބޮޑު ކަމަށާއި އެގޮތުން އަސްލަމްއަކީ އޭގެ ނަމޫނާއެއް ކަމަށްވެސް ފަލާޙް ވިދާޅުވިއެވެ.
އެހެންކަމުން މިމަހުގެ 22 ވަނަ ބޭއްވުމަށް ތައްޔާރުވަމުންދާ އެމްޑީޕީގެ ލީޑަރޝިޕް އިންތިހާބުގައި ހުރިހާ މެމްބަރުންވެސް ނިކުމެ ޕާޓީގެ ރައީސްއަކަށް މުހައްމަދު ނަޝީދު އަދި ނައިބް ރައީސްއަކަށް މުހައްމަދު އަސްލަމްއަށް ވޯޓް ދެއްވުމަށް ފަލާހްވަނީ އެދިވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން އަސްލަމްެއަށް ތާއީދުކުރައްވާއިރު އަސްލަމް ގެންދަވަނީ ރާއްޖޭގެ ދެކުނާއި އުތުރުން ރައްޔިތުންނާއި ބައްދަލުކޮށް ޕާޓީ އިތުރަށް ކުރިއަށް ގެންދިއުމަށް ހުރި ކަންކަން އޮޅުން ފިލުވަމުންނެވެ.
ރައްޔިތުންގެ ޝަކުވާތައް އަޑު އެއްސެވުމަށްފަހު އަސްލަމްވަނީ އޭނާ މިމަޤާމަށް އިންތިޚާބުވެއްޖެ ނަމަ އެމްޑީޕީގެ މެމްބަރުންނަށް ޚިދުމަތްކޮށް ދިނުމަށް ސިޔާސަތުތަކެއް އެކުލަވާފައެވެ.
'ތިލަފަތަށް ސިޔާސަތު'ގެ ދަށުން މައިގަނޑު ހަތަރު ކަމަކަށް އަސްލަމް ވައުވެވަޑައިގަންނަވައެވެ. އެގޮތުން އަތޮޅު / ސިޓީ ސެކްރެޓޭރިއޭޓުން ޤާއިމް ކުރުން، އަހަރަކު އެއްފަހަރު ކޮންގްރެސްއެއް ބޭއްވުން، ފިޔަވަޅު އަޅާ ކޮމިޓީ ހިންގުން އަދި އާއްމު މެމްބަރުންނަށްބަދަލު ހޯދައި ދިނުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް