މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން "ސަކްސެސް އިޒް އަ ޗޮއިސް" މި ނަމުގައި ކުރިއަށްގެންދިޔަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 05:00 އަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައި ކުރިއަށްގެންދިޔަ މި ސެޝަން ނަންގަވައިދެއްވާނީ މަޝްހޫރު އިންޓަނޭޝަނަލް ސްޕީކަރ ރޮބިން ބޭންކްސްއެވެ.
މި ސެޝަންގެ ބައިވެރިންނަށް ރޮބިން ބޭންކްސް ވަނީ އިންސާނާގެ ސިކުނޑިއާއި އެ ސިކުނޑިން ވިސްނާ އަދި ގަބޫލުކުރާ ވިސްނުންތަކަކީ ކިހާ ބާރުގަދަ އެއްޗެއްކަން ބުނެދެއްވާފައެވެ. އަދި ސިކުނޑީގެ ބާރު ބޭނުންކޮށްގެން އިންސާނާގެ ހަޔާތުގެ އެކި އެކި ދާއިރާތަކުން ކުރިއެރުން ހޯދައި، އެ ކުރިއެރުން ދަހަމައްޓާނެ ގޮތްވެސް ރޮބިން ބޭންކްސް ކިޔާދެއްވިއެވެ.
ރޮބިން ބޭންކްސް ވަނީ އެތަކެއް ކުންފުނި ތަކަކަށް ކާމިޔާބަށް ވާސިލް ވެވޭނެގޮތުގެ މައުލޫމާތު ހިއްސާކޮށް އެތަކެއްކުންފުނިތަކަށް ކާމިޔާބު ހާސިލްކޮށް ދިނުމުގައި ތަފާތު މަސައްކަތްތައް ކޮށްދީފައެވެ. އެގޮތުން 500 އަށްވުރެ ގިނަ ކުންފުނި ތަކުގެ ސީއީއޯ އަދި ސީނިއަރ މެނޭޖްމަންޓްތަކަށް މައިންޑް ޕަވަރ އަދި ކާމިޔާބަށް ވާސިލްވެވޭނެގޮތްތަކާބެހޭ އެތަކެއް ސެޝަންތަކެއް ވަނީ ނަންގަވައިދެއްވާފައެވެ.
މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ. ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ. އެގޮތުން ޖަމިއްޔާ އުފެދުނުތާ އެއް އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ޖަމިއްޔާއިން މިދިޔައަހަރު ބޭއްވި ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަސްޓަމަރ އެކްސްޕީރިއަންސް ކޮންސަލްޓަންޓް، ރޮން ކޮފްމަން ލައިވް އިން މޯލްޑިވްސްގެ އިތުރުން މާޗް މަހު ދަރުބާރުގޭގައި ބޭއްވި އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ގައި 400 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.
މާޕް އިން މައުލޫމާތު ދެއްވާގޮތުގައި 2020 ވަނަ އަހަރަށް ތަފާތު ގިނަ އާ ހަރަކާތްތަކެއް ބޭއްވުމަށްވެސް ވަނީ ރޭވިފައެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައ ނޮލެޖް އަދި ބެސްޓް ޕްރެކްޓިސް ޝެއަރ ސެޝަންތަކުގެ އިތުރުން އެޗް އާރ ކޮންވެންޝަންގެ އިތުރުން ދުނިޔޭގެ މަޝްހޫރު ސްޕީކާސްގެ އިންސްޕިރޭޝަނަލް ޓޯކް ސެޝްންތައް ހިމެނިގެންދާނެއެވެ. .
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް