ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި މިއަދު ހަވީރު ގުއާމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު، ގަލޮޅު ދަނޑުގައި ކުޅޭ މެޗަށް ހުރިހާ ދިވެހިން ހުސްވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއަދުގެ މެޗު ރާއްޖޭގެ ގައުމީ ޓީމުން ކާމިޔާބު ކުރާނެ ކަމާއި ދޭތެރޭ އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.
ގަލޮޅު ދަނޑަށް ދުވަހެއް ދުވަހަކަށްވުރެ މަދުން ސަޕޯޓަރުން ވަންނަ ކަމަށް ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.
" ވަރަށް ބޮޑު އެދުމެއް އެއީ އަޅުގަނޑަށް ޔަގީން ވީހާވެސް ގިނަބަޔެއް ބޯޅަ ދަނޑަށް ދިޔުން. ބޯޅަ ބަލަން ހަވީރު ދިޔުން. އެވަގުތު ބޯޅައަށް ހުސްކުރެއްވުން. އަޅުގަނޑު ވަރަށް ބޮޑަށް އެދެން އިއްޒަތްތެރި މެމްބަރުން މިއަދު ހަވީރު ބޯޅައަށް ހުސްކުރައްވާ ހުރިހާ މެމްބަރުންވެސް ހަވީރު މެޗް ބެލުމަށް ވަޑައިގެންނެވުން" ރައީސް ނަޝީދު ވިދާޅުވިއެވެ.
މި މަހުގެ 14 ވަނަ ދުވަހު ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު ބަލަން ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ރައީސް ނަޝީދު ވަނީ ވަރަށް ފޯރީގައި ބެރު ދުންމާރީގައި ދަނޑަށް ގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް