ޑައިވް ކުރާ މަސްވެރިން ޑީކޯވުން އިތުރުވެފައިވާ މައްސަލަ މަޖިލީހަށް

މަސްވެރިން ފީނައިގެން އެން ހޯދުމުގެ ތެރޭގައި ދިމާވާ ހާދިސާތަކުގައި ޑީކޯވުން އިތުރުވެފައިވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެ...

19 Nov 2019 | 05:17

މަސްވެރިން ފީނައިގެން އެން ހޯދުމުގެ ތެރޭގައި ދިމާވާ ހާދިސާތަކުގައި ޑީކޯވުން އިތުރުވެފައިވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރެވެ.

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނަކީ މިހާރު ވެސް މަސްވެރިކަމުގައި ހަރަކާތްތެރިވާ ބަޔަކަށް ވާއިރު، މަސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މަސްދޯނި ފަހަރަށް ބޭނުންވާ މިންވަރާއި ގާތަށް ވެސް ރާއްޖެއިން އެން ނުލިބޭތީ ޑައިވް ކޮށްގެން އެން ހިފުމަށް ދިވެހި މަސްވެރިންނަށް މަޖުބޫރުވެފައިވާ ކަމަށެވެ.

މީގެއިތުރުން، އެން ހިފުމަށް ޑައިވް ކުރާ ފަރާތްތައް ޑީކޯ ވުމަކީ މިހާރު އާންމުކޮށް ކުރިމަތިވަމުން އަންނަ ނުރައްކާތެރި މައްސަލައަކަށް ވާއިރު، ޑީކޯވާ ފަރާތްތަކަށް ދޭން ޖެހޭ އަވަސް ފަރުވާ ދެވޭނެ އެއްވެސް ވަސީލަތެއް މަސްވެރި އަތޮޅުތަކުގައި ގާއިމުވެފައި ނެތްކަން ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ފާހަގަ ކުރައްވާފައިވެއެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލާގައި އިއްޔެ ހުވަދު އަތޮޅުގައި ޑައިވްކުރަނިކޮށް ޑީކޯވި ދެ މަސްވެރިންގެ ވާޙަކަ ފާއްކަކުރައްވައި ވިދާޅުވީ، އިއްޔެ ޑީކޯވި އެކަކަށް ދޭނެޖެހޭ ފަރުވާ ގދ. ތިނަދޫ ހޮސްޕިޓަލުން ލިބެން ނެތުމުން އޭނާގެ ހަށިގަނޑޫގެ އެއްފަޅި ވާގި ގޮސްފައިވާ ކަމަށެވެ. އިއްޔެ ހަވީރުން ފެށިގެން ރޭއާ ޖެހެންދެން އޭނާ އަށް ލިބެންޖެހޭ ފަރުވާ ނުލިބުމުގެ ސަބަބުން އޭނާގެ ހާޅު ދެރަވިކަމަށް ވެސް ޖާބިރު ފާހަގަކުރެއްވި އެވެ.

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ މެންބަރުން ގެންދަވަނީ އެމައްސަލަ އަށް މިހާރު ބަހުސް ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް