ކުރީގެ އަދަދާ ގުޅޭ...
"ދައްތަ ހީނުކުރާތި މިވެދޭ އެހީތެރިކަމުގެ ސަބަބުން މަށަކީ ވަރަށް ރަގަޅު މީހެކޭ... ބައެއްގެ ނަޒަރުގަ މަށަކީ ވަރަށް ނުބައި މީހެއް" ހީވީ ނަޒާން އެރޭ ބުނި ޖުމްލަ އަލުން ޝަހާމާގެ ކަންފަތް ބުޑުގައި ގުގުމައިލިހެންނެވެ.
"ހަމަ އެހެން ބުނީ؟ އެކީއްވެ އެހެން ބުނީ؟" ޝައިލާގެ އަނގަ އިނީ ހުޅުވެފައެވެ. ނަޒާން އެހެން ބުނަންވީ ކީއްވެގެން ހެއްޔެވެ.
"ނޭންގެ ދައްތަ އިތުރަށް އެހީމަ ބުނީ މަޖަލަކަށް ބުނި އެއްޗެކޯ... އެކަމަކު ދައްތަ އެޖުމްލަ އެހާ ހަނދާން އެހުރީ ގައިމު ކިހާ އަސަރަކާ އެކީގަ އެހެން ބުނީމައެއްނު... އެކުރެހުންތައް ޝައިއަށް ފެނުންނަމަ ވެސް ބިރުގަންނާނެ..." ޝަހާމާ ބުނެލިއެވެ. ޝައިލާ އިނީ ދޭނެ ޖަވާބެއް ނޭންގިފައެވެ.
"އެކަހަމަކު ނަޒާނަކީ ގޯސް ކުއްޖެކޭ ދައްތަ ނުބުނާނަން... އޭނަ އެކޮޅުގަ ހުރިއިރު ދައްތައަށް އެހީތެރިވެދިނީ އާއިލާ މީހަކު ފަދައިން... ޒާނާ އަށްވެސް އެއީ ނަޒާންކަން އެނގިއްޖެނަމަ ވަރަށް ފޯރި ހުންނާނެ... ނަޒާން އެނބުރި ރާއްޖެ ދިޔަކަން އެނގުނީމަ ޒާނާ ރޯންވެސް ރުއި..." ފެންފޮދެއް ބޯލުމަށްފަހު ޝަހާމާ ބުނެލިއެވެ.
"މިހާރު އެހުރީ ބޯ ވެސް ކޮށާފައެއްނު... އޭރު ހުރީ ކޮނޑާ ހިސާބަށް އިސްތަށިގަނޑުވެސް" ނަޒާން އޭރު ހުރި ސިފަ ޝަހާމާ ކިޔައިދިނުމުން ޝައިލާ ކޮންމެހެންވެސް އޭނާގެ ކުރީގެ ފޮޓޯއެއް ބަލައިލާހިތްވިއެވެ. ޝަހާމާ ކިޔައިދިން ވާހަކަތަކުން ނަޒާންގެ މާޒީ ދެނެގަންނަން އޭނާ ވަރަށް ބޭނުންވެއްޖެ އެވެ. އޭނާގެ މާޒީގެ ހުރިހާ ސަފްހާއެއް މިހާރު ނަޒާނަށް ވާނީ އެނގިފައެވެ.
***
އެރޭ ނަޒާން އައީ ޝައިލާ ގޮވައިގެން އޭނާ ދިރިއުޅޭ ގެއަށެވެ. މަންމަމެން އަންނަން ހަމަޖެހިފައި ވަނީ އަދި ދެދުވަސް ފަހުން ކަމުން އެގެ އަދިވެސް ހުރީ ފަޅަށެވެ. ނަޒާން މިރޭ ބޭނުންވީ ދެމީހުން އެކީ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އެގޮތުން ދެމީހުން އައީ ޕާސްތާ ބޮނޑިއަކާއި ޕާސްތާ ކައްކަން ބޭނުންވާ ސާމާނު ގަނެގެންނެވެ.
"ޒާންއަށް އެނގޭ ދޯ ކައްކަން؟" ޝައިލާ އަހައިލިއެވެ.
"ޔެސް... ޝައިއަށް ނޭންގޭކަން އެނގޭ" ފިޔައެއް ނަގަމުން ނަޒާން ބުނެލިއެވެ.
"ސުމް ދޯ ބުނީ؟" ޝައިލާ އަހައިލިއެވެ. ނަޒާން ހީލުމަށްފަހު ބޯ ހޫރައިލިއެވެ.
"މިލޯބި މޫނު ފެންނަ ކޮންމެ މީހަކަށްވެސް އެނގޭނެ މީ ޕްރިންސެސް އެއްކަން... ޕްރިންސެސް އިން އެއްވެސް މަސައްކަތެއް ނުކުރާނެ... އެމީހުންގެ ތިބޭނެ އިނގިއްޔަކަށް ނޯކަރެއް" ޝައިލާގެ ނޭފަތުގައި ހިފައިލަމުން ނަޒާން ބުނެލިއެވެ. އެވަގުތު ޝައިލާގެ މޫނުމަތި ރަތްވެގެން ދިޔަ މަންޒަރު ނަޒާނަށް ފެނުނެވެ.
"ނަޒާންގެ ކުރީގެ ފޮޓޯއެއް ދައްކަބަލަ" ޝައިލާ އެންމެފަހުން ބުނެލިއެވެ. ފިޔާ ނޮޅަން ވަޅިހިފައިގެން ހުރި ނަޒާން ޝައިލާގެ މޫނަށް ބަލައިލިއެވެ.
"ކުޑައިރުގެ ފޮޓޯ ވަރަށް ނުހުންނާނެ... ޒާން އަކީ މިގޭގަ އެހާ ފޭވަރިޓް ކުއްޖެއް ނޫން" ނަޒާން އިސްޖަހައިލަމުން ބުނެލިއެވެ.
"ކުޑައިރުގެ ފޮޓޯ ފެނުނޭ ޒާން ފޯނުން ކުރިން... އައި މީން ޓީންއޭޖް..." ޕާސްތާ ޕެކެޓް ކަނޑައިލަމުން ޝައިލާ ބުނެލިއެވެ. ނަޒާންގެ މޭގަނޑު ތެޅެލިއެވެ. ފުރާވަރަށް އެޅިއިރު އޭނާ ވަނީ ތެދުމަގުން ކައްސާލައިފައެވެ. އޭރުގެ ފޮޓޯތައް ޝައިލާއަށް ފެނެއްޖެނަމަ އޭނާ ދޫކޮށްލާފައި ދާކަށް މިނެޓެއްވެސް ނުނަގާނެ އެވެ.
"ޒާން ކިހިނެއްވީ؟" ނަޒާންގެ ކޮނޑުގައި ޖަހައިލަމުން ޝައިލާ އަހައިލިއެވެ.
"ޝައި އެހާ ލައިކެއް ނުވާނެ... ޒާން އަކީ އޭރު ވަރަށް ބޭޑް ކުއްޖެއް" ފިޔާ ކޮށަންހުރެ ވަށްކަޅިން ޝައިލާގެ މޫނަށް ބަލައިލަމުން ނަޒާން ބުނެލިއެވެ. ނަޒާންގެ އެޖަވާބުން ޝައިލާ އަދި ވަކިންބޮޑަށް ނަޒާންގެ ކުރީގެ ފޮޓޯއެއް ބަލައިލާހިތްވިއެވެ.
"އެކަމަކުވެސް ދައްކަބަލަ... ޝައި އެއްޗިއްސެއް ނުކިޔާނަމޭ ހަޑިޔަސް... ޕްލީޒް... ޕްލީޒް" ނަޒާން ލައިގެން ހުރި ޓީޝާޓުގެ ފަސްބަޔަށް ދަމަމުން ޝައިލާ އާދޭސްކުރަން ފަށައިފިއެވެ. ޝައިލާ ހުއްޓައިލީ އެންމެފަހުން އޭނާ އެކަމާ އެއްބެސް ވުމުންނެވެ.
ނަޒާން ހުރިހާ އެއްޗެއް ކޮށައި ނިންމުމަށްފަހު އުނދުން ކައިރީ ކައްކާން ހުއްޓައި ޝައިލާ ގޮސް ފަހަތުން އޭނާގެ ގައިގައި ބައްދައިލިއެވެ.
"ތިއުޅެނީ ކެއްކިއަ ނުދޭން މިހާރު އިނގޭ..." ފަހަތަށް މޫނު އަނބުރައިލަމުން ނަޒާން މަޖާ ރާގަކަށް ބުނެލިއެވެ. ޝައިލާ ހަމަ އެހުރިގޮތަށް ހުރީއެވެ.
"ޒާން ކީއްވެ ލަންކާގަ އެހާ ގިނަދުވަހު ހުރީ؟" ޝައިލާ އެހެން އެހުމުން ނަޒާން އަތުގައި އޮތް ދޭފަތް މުށިތަކު މައްޗަށް ވެއްޓުނެވެ.
"ކިހިނެއް ތިހެދީ؟" ނަޒާނާއި ދުރުވެލަމުން ޝައިލާ އަހައިލިއެވެ. ދޭފަތުގައި ހުރި ސޯސްތައް މުޅިތަނަށް ބުރައިގެން ދިޔައެވެ. ޝައިލާ އުޅުނީ އެތަން ސާފުކުރާށެވެ.
"ޒާން ބުނެބަލަ" ސާފުކޮށް ނިންމުމަށްފަހު އަނެއްކާވެސް ޝައިލާ އަހައިލިއެވެ. ނަޒާން ލަސްލަހުން ފުންނޭވާއެއް ދޫކޮށްލަމުން ލޯ މަރައިލިއެވެ. އޭނާގެ ކޯކަށިގަނޑު ހަރަކާތްކުރަމުން ދިޔައީ ނިކަން ހަލުވިކޮށެވެ. ނަޒާން ލަންކާއަށް ދިޔައީ ޝައިލާގެ ސަބަބުންނޭ އޭނާގެ ހިތް ބާރަށް ގޮވަމުން ދިޔައެވެ. އެއަޑު ޝައިލާއަށް އިވޭނެކަމާއި މެދު އޭނާ ދިޔައީ ޝައްކު ކުރަމުންނެވެ.
"ޝައި... ޒާން ލަންކާއަށް ދިޔައީ ވަރަށް ބޮޑު ކަމަކުން ރެކެން ވެގެން... ޒާން ބޭނުމެއް ނޫން އެވާހަކަ ދައްކާކަށް" ޝައިލާ އާއި ދިމާލަށް އެނބުރުމަށްފަހު އެންމެފަހުން ނަޒާން ބުނެލިއެވެ. އެއީ ނަޒާން މާ ހިތްހަމަޖެހޭ މައުޟޫއެއް ނޫންކަން އިހުސާސްވުމުން ޝައިލާ އިތުރަށް އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ހިތް ގޮވަމުން ދިޔައީ އެހާދިސާ އޭނާ އެނގެންބޭނުންވާ ކަމެވެ. ނަޒާންގެ ހަޔާތުގެ ހުރިހާ ވާހަކައެއް އޭނާ މިހާރު އެނގެން ބޭނުމެވެ.
***
އާދުވަހެކެވެ. ހަވީރުގެ ފިނިފިނި ވަގުތު ޝައިލާ އާއި ސުމާ ބޭރަށް ނިކުތީ ފިނިބުރެއް ޖަހައިލާށެވެ. އަދިވެސް މުޅި ފަޒާގައި ވަނީ މެންދުރު ވެހުނު ވާރޭގެ ފިނިކަމެވެ. މަގުމަތިން އަދިވެސް ފެންގަނޑުތައް ނުހިނދެއެވެ. މާލޭގެ އެންމެ ބާރުބޮޑު މަގުކަމަށްވާ މަޖީދީމަގުން ދުއްވާފައި ގޮސް ގޯޅިއެއްތެރޭ ސުމާ ސައިކަލު ޕާކުކޮށްލިއެވެ.
"މިފިހާރައިގަ ހުންނާނެ ވަރަށް ސަޅި އެއްޗެހި... އެހާ އަގުވެސް ހެޔޮވާނެ" ކުރިމަތީހުރި ހެދުން ވިއްކާ ފިހާރަ ދައްކައިލަމުން ޝައިލާ ބުނެލިއެވެ.
މިއީ ޝައިލާ ވަރަށް ދަންނަ ހިސާބެކެވެ. މިއީ ކުރީގައި ޝައިލާ އޮފީސް ނިންމާފައި ގެއަށްދާ މަގެވެ. ދެފަރާތް ބަލައިލުމަށްފަހު އޭނާ ކުޑަކޮށް މަޑުޖައްސައިލިއެވެ. މިއީ އެމަގެވެ. ކުރިމަތިން ފެންނަން އެހުރީ އެއްކަހަލަ ފަޅުގެއެވެ. ޝައިލާގެ މޭގަނޑު އިންތިހާޔަށް ތެޅެން ފަށައިފިއެވެ. އެފަޅުގެ މިހާރު އެހުރީ އިމާރާތްކޮށް ނިންމައި ބޮޑު އުސް އިމާރާތަކަށް ހަދައިފައެވެ. ދެއަތުން މޭގައި އަތް އަޅައިގެން ހުއްޓައި އެކަންމަތިން ޝައިލާއަށް ދެން ފެނުނީ ބޯދިގުކޮށްފައި ތިބި ޒުވާން ގުރޫޕެކެވެ. އޭރު އޭނާގެ ދެފައި ދިޔައީ ތުރުތުރު އަޅަމުންނެވެ.
"ޝައި ކިހިނެއްވީ؟" ޝައިލާ ސިއްސައިގެން ދިޔައީ ފަހަތުން ސުމާ އައިސް ގޮވައިލުމުންނެވެ. ޝައިލާގެ މޫނުމަތީގެ ކުލަވަރު ފެނިފައި ސުމާ ވެސް ވަރަށް ހާސްވެއްޖެ އެވެ.
"ކަމެއް... ކަމެއް ނުވޭ..." ބޯ ހޫރައިލަމުން ޝައިލާ އަވަހަށް ފިހާރައާއި ދިމާލަށް ހިނގައިގަތެވެ. ސުމާ އަށް އެނގިއްޖެނަމަ އޭނާގެ މޫޑުވެސް ޚަރާބުވާނެކަން ޔަގީނެވެ. އެހެންކަމުން ޝައިލާ ހަމަޖެހޭގޮތް ދައްކައިލަމުން ފިހާރައަށް ވަދެ ހެދުންތައް ބަލަން ފެށިއެވެ.
"ދެން ކަމުދާ އެއްޗެއް ނުފެނުނެއްނު... ސުމް މިދަނީ ޕޭ ކުރަން" ޝައިލާ ހެދުން ހަރުގަނޑު ކައިރީ ހުއްޓައި ސުމާ އައިސް ބުނެލިއެވެ. އޭނާގެ އަތުގައި އޮތް ދެތިން ހެދުން ދައްކައިލުމަށްފަހު ސުމާ ދިޔައީ ފައިސާ ދައްކާށެވެ.
ފަހަރަކު ހެދުމެއް ބަލަމުންދިޔަ ނަމަވެސް ޝައިލާގެ ހިތް ދިޔައީ އިންތިހާޔަށް ތެޅެމުންނެވެ. މިސަރަހައްދަށް ކިތަންމެ ބޮޑެތި ބަދަލެއް އައިސްފައިވި ނަމަވެސް އެހަނދާންތަކެއް ދުވަހަކުވެސް ފުހެވިގެންނެއް ނުދާނެ އެވެ. މިމަގެއް ވެސް ހިތަކުން ފުހެވިގެންނެއް ނުދާނެ އެވެ. ޝައިލާ ހިޔާލަކަށް ގެއްލިފައި ހުއްޓައި ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ކޮނޑުގައި ހިފައިލުމުންނެވެ.
"ޝައިތަ؟" އެއަންހެން މީހާ ބުނެލިއެވެ. ކުޑަކުއްޖަކު އުރަށް ޖަހައިގެން އޭނާ ހުރީ ޝައިލާގެ މޫނަށް ބަލަހައްޓައިގެން ހަރަކާތް ހުއްޓިފައެވެ.
"އަޝްރާ؟" ޝައިލާގެ އަޑު އައީ މަޑުންނެވެ. އާނ އެކެވެ. އެއީ އެބިރުވެރި ހާދިސާގެ ކުރިން އޭނާ އާއި އެންމެފަހުން ބައްދަލުވި މީހާއެވެ. އޭގެ ފަހުން އަޝްރާ މިފެނުނީ އަދި ކިރިޔާއެވެ.
"އޯމައިގޯޑް ޝައި!!" ޝައިލާގެ ގައިގައި ބައްދައިލަމުން އަޝްރާ ބުނެލިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ފުޅާ ހިނިތުންވުމެކެވެ. އަޝްރާ މިހާރު ކުރިއަށްވުރެ ފަލަވެސް ވެއްޖެ އެވެ. ޝައިލާ ދެންވެސް ހުރީ އަނގައިން ނުބުނެވިފައެވެ.
"އަޝް" ހީލަމުން އެންމެފަހުން ޝައިލާ ބުނެލިއެވެ. އޭނާގެ ކުރީގެ އެންމެ ގާތް އެކުވެރިޔާ އާއި އަހަރުތަކެއް ފަހުން ދިމާވުމުން ޝައިލާ އެހުރީ ބުނާނެ ހަމަ އެކައްޗެއްވެސް ނޭންގިފައެވެ.
"މީ އަޝްގެތަ؟" އަޝްރާގެ އުރުގައި އިން ދެއަހަރަށްދާ އަންހެން ކުއްޖާ އުރައިލަމުން ޝައިލާ އަހައިލިއެވެ.
"ޝައި އައިސް އުޅޭކަމެއް ނުވެސް އިނގޭ... ޝައި ކައިރިއަށް ހޮސްޕިޓަލަށް ވެސް ދިޔައިން... ޝައި އޭރު ހެޔެއްވެސް ނާރާ... ފަހުން ސަމާހު ބުނީ މެލޭއަށް ޗޭންޖްވި ވާހަކަ... ޝައިއަށް ގުޅަންވެސް ގުޅިން... ޝައި މަންމަ ބުނީ ޝައި އެއްވެސް މީހަކާ ވާހަކައެއް ވެސް ނުދައްކައޭ... އަޝް ވެސް އެތައްދުވަހަކު ގުޅައިގެން ވާހަކަ ނުދެއްކީމަ ހުއްޓައިލީ... ވަރަށް އުފާވެއްޖެ ދިމާވީމަ..." އަނެއްކާވެސް ޝައިލާގެ ގައިގައި ބައްދައިލަމުން އަޝްރާ ބުނެލިއެވެ. ޝައިލާގެ ލޮލުންވެސް އެވަނީ ކަރުނަ އައިސްފައެވެ.
"ހިނގާ ސައިބޯލަން ދާން؟ ބައިވަރު ވާހަކަ އެބަހުއްޓޭ" ޝައިލާގެ އަތުގައި ހިފައި ދަމައިލަމުން އަޝްރާ ބުނެލިއެވެ.
ސުމާ ފައިސާ ދައްކާފައި އައުމުން ފުރަތަމަ އެދެމީހުން ތައާރަފްކޮށްދިނީ ޝައިލާ އެވެ. އެއަށްފަހު ތިން މީހުން ދިޔައީ ކައިރީ ހުރި ކެފޭއަށް ސައި ބޯށެވެ. އަޝްރާ ޝައިލާ އާއި ބައިވަރު ސުވާލު ކުރިއެވެ. އަޝްރާ ޝަކުވާ ކުރީ ޝައިލާ މާލެ އައިސް އޭނާއަށް ނުގުޅީމައެވެ. މިފަދަ ވާހަކަތަކެއްގައި ތިއްބައި ޝައިލާގެ ފޯނު ރިންގުވާން ފެށިއެވެ.
"މީ ކާކު؟" ފޯނުގެ ސްކްރީނުން ފެނުން ފޮޓޯއިން އަޝްރާ އަވަހަށް އަހައިލިއެވެ.
"އެއީ ނަޒާނެއްނު... ޝައިލާގެ ލޯބިވެރިޔާ" ޖަވާބުދިނީ ސުމާ އެވެ. ޝައިލާ ފޯނު ނަގައި ވާހަކަ ދައްކަން ފެށިއެވެ. އަޝްރާ އިނީ ޝައިލާގެ މޫނަށް ބަލަހައްޓައިގެން ދެބުމަ ކައިރިކޮށްގެންނެވެ. ވީ ކީއްތޯ ސުމާ އެހުމުން އަޝްރާ އެހީ ދެމީހުން ދިމާވީ ކިހިނެއްތޯ އެވެ. ވަގުތުން ސުމާ ހުރިހާ ވާހަކައެއް އަޝްރާއަށް ކިޔައިދިނެވެ.
"ނަޒާން އަކީ ޖައިލަމްގެ ކަޒިންތަ؟" ޔަގީންކޮށްލުމުގެ ގޮތުން އަޝްރާ އަނެއްކާވެސް އަހައިލިއެވެ. ސުމާ ބޯ ޖަހައިލިއެވެ.
އެވަގުތު އަޝްރާގެ ހިތް ދިޔައީ އިންތިހާޔަށް ތެޅެމުންނެވެ. ނަޒާނަކީ ހަގީގަތުގައި ވެސް ޝައިލާގެ ލޯބިވެރިޔާ ހެއްޔެވެ؟
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް