ބޫޓާނުގެ ފަތުރުވެރިކަމާބެހޭ ޕޮލިސީއަށް ބޮޑު ބަދަލެއް ގެނެސް ދެކުނު އޭސިއާ ސަރަހައްދުގެ ގައުމުތަކުން އެ ގައުމަށް ޗުއްޓީ ހޭދަކޮށްލަން ދާ ފަތުރުވެރިންގެ އަތުން ފީއެއް ނަގަން ތައްޔާރުވަމުން އަންނަ ކަމުގައި އެ ގައުމުން ހާމަކޮށްފިއެވެ.
އެ ގައުމުން މިކަން ހާމަކޮށްފައިވަނީ އެ ގައުމުގެ ހާރިޖީ ވަޒީރު ޓަންޑީ ޑޯރޖީ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ އެސް ޖައިސަންކަރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ދެކުނު އޭސިއާ ސަރަހައްދުގެ ގައުމުތަކުން ބޫޓާނަށް ޗުއްޓީ ހޭދަކޮށްލަންދާ ފަތުރުވެރިންގެ އަތުން މިހާރު އެއްވެއް ފީއެއް ނުނަގައެވެ. މިކަމަށް ޕޮލީއެއް ޑްރާފްޓްކޮށް އެ ޑްރާފްޓާމެދު އެގައުމުގެ ކެބިނެޓުން ޑިސެމްބަރު މަހުގެ ތެރޭގައި ގޮތެއް ނިންމާނެކަމަށް ވެއެވެ.
ބޫޓާނުން ހާމަކުރާގޮތުގައި މި ސަރަހައްދުގެ ބައެއް ގައުމުތަކުން ފަތުރުވެރިންގެ އަތުން މަދުވެގެން 150 ވަރަކަށް ޑޮލަރު އެކި ފީތަކުގެ ގޮތުގައި ނަގައެވެ. ނަމަވެސް އަދި މިފަދަ އެއްވެސް ފީއެއް ދެކުނު އޭސިއާ ސަރަހައްދަށް ނިސްބަތްވާ ފަތުރުވެރިންގެ އަތުން ބޫޓާނުން ނަގާފައެއް ނުވެއެވެ.
ބޫޓާނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ފަތުރުވެރިންގެ ގޮތުގައި 274000 ފަތުރުވެރިން އެ ގައުމަށް ޒިޔާރަތްކޮށްފައިވާއިރު އަދި އޭގެ ތެރެއިން 200000 އަށްވުރެ ގިނަ ފަތުރުވެރިންނަކީ މި ސަރަހައްދަށް ނިސްބަތްވާ ފަތުރުވެރިން ކަމުގައި ބުނެފައިވެއެވެ.
ފީއެއްގެ ގޮތުގައި ފަތުރުވެރިންގެ އަތުން ނަގަން ނިންމަނީ ކިހާ އަދަދެއްކަން ބޫޓާނުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް