އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ލޭބަރ ރޫމުގައި ގާތްގާތުގައި ކުދިން މަރުވާ މައްސަލައިގާ އެ ހޮސްޕިޓަލުން ހަގީގަތް ހާމަކުރަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޮޅި ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހްމަދު ވިދާޅުވެއްޖެއެވެ.
ހައިތަމް މިހެން ވިދާޅުވެފައިވަނީ ރޭގެ ވަގުތެއްގައި ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ހައިތަމް ވިދާޅުވެފައިވަނީ "IGMH ލޭބަރ ރޫމްގައި ގާތްގާތުގައި ތުއްތުކުދިން ނިޔާވަމުންދާ ކަމަކީ ހިތާމަހުރި, އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. މިކަމުގެ ހަގީގަތް IGMH ފަރާތުން ދިވެހި ރައްޔިތުންނަށް ހާމަ ކޮށްދޭން އެބަޖެހޭ!!!" ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ އައިޖީއެޗްގައި ވިހޭ ތިން ކުއްޖަކު މަރުވި ކަމަށް އަޑު ފެތުރި އެކަމުގައި އައިޖީއެމްއެޗަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.
އެކަމާމެދު އައިޖީއެމްއެޗުން ބުނެފައިވަނީ އެރޭ މަރުވީ ދެ ކުއްޖަކު ކަމަށާއި އެ ދެކުދިންވެސް މަރުވީ ވިހެއުމުގެ ކުރިން ކަމަށެވެ.
https://twitter.com/ahmhaitham/status/1196431036739211264
ވިހެއުމުގެ ކުރިން ނުވަތަ ވިހެއުމަށްފަހު މަރުވާ ތުއްތުކުދިންގެ މައްސަލަ ހެލްތު މިނިސްޓްރީއާ ގުޅިގެން އެ ހޮސްޕިޓަލުން އަބަދުވެސް ތަހްގީގު ކުރާ ކަމަށާއި އަދި އިއްޔެ މަރުވި ތުއްތު ކުދިންގެ މައްސަލަވެސް މިހާރު ތަހްގީގު ކުރަމުންދާ ކަމުގައިވެސް އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.
އެ މައްސަލަތައް ތަހުގީގު ކުރުމަށްފަހު އާއިލާތަކުން ބޭނުންކަމުގައިވާނަމަ ތަހުގީގީ ރިޕޯޓް އާއިލާއާއި ހިއްސާކުރާނެ ކަމުގައިވެސް އައިޖީއެމްއެޗްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް