އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ލެސްޓާ ސިޓީއާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅެ 2-4 ގެ ނަތީޖާއިން ބަލިވި މެޗަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަމާޒުވަމުން އަންނަ ފާޑު ކިޔުންތަކަށް ރައްދުދީ ޔުނައިޓެޑްގެ ކޯޗު އޮލިގަނަ ސޮލްޝެއަރ ރޮނާލްޑޯގެ ދިފާއުގައި ވާހަކަ ދައްކައިފިއެވެ.
އިޓަލީގެ ޔުވެންޓަސްގައި މޮޅު ކުޅުމެއް ދެއްކި ރޮނާލްޑޯ ޔުނައިޓެޑަށް އެނބުރި އައިސް ޔުނައިޓެޑާއި އެކު ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުގައި ފަސް ގޯލު ޖަހާފައިވާއިރު، އެންމެ ފަހުން ޔުނައިޓެޑް ލީގުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެއް ނުވެއެވެ. އެގޮތުން މި ދެމެޗުގައި ވެސް ރޮނާލްޑޯގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ނުދިޔައިރު، ގިނަ ބަޔަކު ވަނީ ރޮނާލްޑޯއަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.
މި ކަމާއި ގުޅިގެން ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް އެޓަލާންޓާއާއި ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު އޮލިގަނަ ސޮލްޝެއަރ ބުނީ ކުލަބު ބަލިވުމުގެ ޒިންމާ ރޮނާލްޑޯ ނަގަން ނުޖެހޭ ކަމަށާއި އެކަމުގައި ރޮނާލްޑޯގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ރޮނާލްޑޯ ދަނީ ޔުނައިޓެޑަށް ހުރިހާ ގޮތަކުން ވެސް ވެވެން އޮތް އެންމެ ރަނގަޅަކަށް އެހީތެރިވެދެމުން ކަމަށްވެސް އޭނާ ބުންޏެވެ.
ރޮނާލްޑޯގެ ދިފާއުގައި ވާހަކަ ދައްކަމުން ސޮލްޝެއަރ ބުނީ ހޮނިހިރު ދުވަހު ލެސްޓާ ސިޓީ އަތުން ޔުނައިޓެޑް ބަލިވި މެޗަށްފަހު ޕްރެޝަރު ނުކުރާތީ ފާޑުކިޔުންތައް އަމާޒުވަމުން ދާއިރު، ރޮނާލްޑޯ އަށް ވުރެ ޕްރިމިއާ ލީގްގައި ޕްރެސަރު ކުރާ އެއްވެސް އެޓޭކިން ކުޅުންތެރިޔަކު ނެތް ކަމަށާއި ރޮނާލްޑޯގެ ފަރާތުން ޕްރެޝަރު ނުފެނުމަކީ އޭނާގެ މައްސައެއް ނޫންކަމަށެވެ. އަދި ރޮނާލްޑޯ އަކީ ސީދާ ސެންޓަރ ފޯވާޑަށް ކުޅޭ ކުޅުންތެރިއަކަށް ވާއިރު، ޕްރެސަރު ކުރެވޭނީ މިޑްފީލްޑް މެދުވެރިކޮށް އެ ފުރުސަތު ލިބޭނަމަ ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެންގެ 11 ކުޅުންތެރިން ދަނޑުމަތީގައި ތިބި. ތަފާތު ރޯލުތަކާއި ޒިންމާތައް އެ ކުޅުންތެރިންގެ ހުރި، ރޮނާލްޑޯ އެކަންޏެއް ނޫން. ލެސްޓާ މެޗުގައި މާ އެދެވޭ ކުޅުމެއް އެއްވެސް ކުޅުންތެރިއަކަށް ނުދެއްކުނު. މެޗަކުން ބަލި ވުމަކީ ރޮނާލްޑޯ ފަދަ ކުޅުންތެރިންނަށް ފާޑުކިޔުން އަމާޒުވާނެ ކަމެއް." ސޮލްޝެއަރ ބުންޏެވެ.
ސޮލްޝެއަރ އިތުރަށް ބުނީ ކްރިސްޓިއާނޯ އަކީ މޮޅު ކުޅުންތެރިޔެއް ކަމަށާއި ރޮނާލްޑޯ ޔުނައިޓެޑަށް ކޮށްދެވޭނެ ކަންތަކާއި ނުކޮށްދެވޭނެ ކަންތައް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ. އަދި ރޮނާލްޑޯ ދަނީ ޓީމަށް އެހީވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން ރޮނާލްޑޯ އަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނުމަކީ މިވަގުތު ކުރުން އެންމެ މުހިންމު ކަމެއް ކަމަށާއި އެފަދަ ފުރުސަތުތަކުގައި ޓީމަށް ފައިދާ ހުރި ގޯލުތަކެއް ރޮނާލްޑޯގެ ފަރާތުން ފެނިގެން ދާނެ ކަމާއި މެދު ޝައްކު ނުކުރާކަމަށްވެސް ސޮލްޝެއަރ ވަނީ ބުނެފައެވެ.
ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް އެނބުރި އަިސް މިހާތަނަށް ކުޅުނު ހަތް މެޗުގައި ފަސް ގޯލު ކާމިޔާބު ކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް