މިޔަންމާގެ އީދަކާއި ދިމާކޮށް 5،000ށް ވުރެ ގިނަ ސިޔާސީ ކުށްވެރިން މިނިވަންކޮށްފި

މިޔަންމާގައި ބުދިސްޓު ދީނުގައި ފާހަގަ ކުރާ ބޮޑު އީދަކާއި ދިމާކޮށް 5،000 އަށްވުރެ ގިނަ ސިޔާސީ ކުށްވެރިން މިނިވަން ކޮށްފި އެވެ. މި އެންމެންނަކީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު އެ ގައުމުގެ ޑިމޮ...

19 Oct 2021 | 16:20

މިޔަންމާގައި ބުދިސްޓު ދީނުގައި ފާހަގަ ކުރާ ބޮޑު އީދަކާއި ދިމާކޮށް 5،000 އަށްވުރެ ގިނަ ސިޔާސީ ކުށްވެރިން މިނިވަން ކޮށްފި އެވެ.

މި އެންމެންނަކީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު އެ ގައުމުގެ ޑިމޮކްރެޓިކް ލީޑަރު އަން ސަން ސޫޗީ ހައްޔަރުކޮށް، ގެނައި އަސްކަރީ ބަޣާވާތަށް ފަހު ހައްޔަރު ކުރި ސޫޗީއަށް ތާއީދު ކުރާ މީހުންނެވެ. އެމީހުން ޝަރީއަތް ކުރުމަކައި ނުލާ ޖަލުގައި ތިބޭތާ އަށް މަސް ވެއްޖެ އެވެ.

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޖުމްލަ 5،600 ސިޔާސީ ކުށްވެރިން ދޫކޮށްލާފައިވެ އެވެ. އޭގެ ތެރޭގައި ސޫޗީގެ ތަރުޖަމާނާއި މިޔަންމާގެ މަޝްހޫރު ކޮމީޑިއަނުން ހިމެނެ އެވެ.

ސިޔާސީ ކުށްވެރިން މިނިވަން ކުރަން ފަށާފައި މިވަނީ މިޔަންމާގެ އަސްކަރީ ވެރިޔާ މިން އައުންގް ލައިންއަށް މިޔަންމާގެ ލީޑަރުގެ ގޮތުގައި އެސޯސިއޭޝަން އޮފް ސައުތްއީސްޓު އޭޝިއަން ނޭޝަންސް (އާސިއާން) ސަމިޓުގައި ބައިވެރި ނުވެވޭނެ ކަމަށް އެޖަމާއަތުން އަންގާފައި ވަނިކޮށެވެ. އެގޮތަށް އެ ޖަމާއަތުން ނިންމީ މިޔަންމާއަށް އިސްލާހު ކުރަން އަންގާފައިވާ ކަންކަމަށް އިޖާބަ ދީފައި ނުވާތީ އެވެ.

އާސިޔާންއިން ޑީމާންޑުކުރީ އެ ގައުމުގައި އަސްކަރިއްޔާއިން ރައްޔިތުންނާއި ދެކޮޅަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށެވެ. އަދި އެ ޖަމާއަތުގެ ވަފުދެއް މިޔަންމާއަށް ގޮސް ހުރިހާ ސިޔާސީ ޕާޓީތަކަކާއި ބައްދަލު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.

މިޔަންމާ އަސްކަރިއްޔާއިން އެ ގައުމުގައި ބަޔާވަތް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އާއި މެދު ހިތް ހަމަނުޖެހިގެންނެވެ. ބަޣާވާތް ގެނެސް އެ ގައުމުގައި ވަނީ އެއް އަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އެވެ.

މިޔަންމާގެ އިންތިހާބުގެ ނަތީޖާ އާއި މެދު އަސްކަރިއްޔާއިން ހިތްހަމަ ނުޖެހިގެން ބަޣާވާތް ގެނައި އިރު އެ އިންތިހާބުގައި ސޫޗީ ނިސްބަތްވެވަޑައިގެންނަވާ ނޭޝަނަލް ލީގު ފޯ ޑިމޮކްރެސީ (އެންއެލްޑީ) އިން ވަނީ މަޖިލީހުގެ 83 ޕަސެންޓު ގޮނޑި ކާމިޔާބު ކޮށްފައި އެވެ.

އިންތިހާބަކުން 2011 ވަނަ އަހަރު ސޫޗީގެ ޕާޓީ ވެރިކަމާއި ހަވާލުވުމުގެ ކުރިން އެ ގައުމުގައި އޮތީ އަސްކަރީ ވެރިކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް