މޫސުމީ ދޫނީގެ ގޮތުގައި މިދުވަސް ވަރު ރާއްޖެއަށް ހިޖުރަ ކުރަމުންދާ ގުޑުގުޑާ ދޫނި (ފްލެމިންގޯ) ތަކެއް ވިއްކަން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.
އެ އިޝްތިހާރު ކުރީ ހއ. ބާރަށު ބައެއް ކަމަށްވެ އެވެ. މިފަހަރު މޫސުމީ ދޫނީގެ ގޮތުގައި ގުޑުގުޑާ ދޫނި އެންމެ ފުރަތަމަ ފެނިފައިވަނީ އެ ރަށުންނެވެ.
އެ މައްސަލަ ބަލާކަން ހާމަ ކުރީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންނެވެ. އީޕީއޭއިން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އީޕީއޭއިން ބުނީ ގުޑުގުޑާ ދޫނި ފެންނަމުންދާ އެހެން ރަށްރަށުންވެސް އެ ދޫނިތައް ހިފާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
ރާއްޖެއަށް ހިޖުރަކުރާ ހުރިހާ ދޫނިތަކަކީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު"ގެ ދަށުން ހެދިފައިވާ "ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު"ގެ ދަށުން ހިމާޔަތްކުރެވިފަވާ ތަކެއްޗެކެވެ.
މިފަދަ ދޫނިތައް ހިފައި ހައްޔަރުކޮށް، އެއްވެސް ގޯނާއެއް ކުރުމަކީ ޤާނޫނީގޮތުން ކުށެކެވެ. އަދި މިގަވައިދުގެ ދަށުން ޖޫރިމަނާކުރެވޭނެ ކުށެކެވެ.
އީޕީއޭއިން ބުނީ ގާނޫނާ ގަވައިދާ ހިލާފަށް މިފަދަ އަމަލު ހިންގާ ފަރާތްތަކުގެ އަމަލު ފެންނާނެ ފޮޓޯ އާއި މައުލޫމާތު ހިމެނޭ ގޮތަށް އެ އެޖެންސީއަށް ރިޕޯޓު ކުރުމަށް އެދޭ ކަމަށެވެ. އެގޮތުން 7980379 ނަމްބަރަށް ނުވަތަ [email protected] އށް އީމެއިލް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް