ބޮލީވުޑްގެ އެކްޓްރެސް ޝެރްލީން ޗޯޕްރާ އާއި ދެކޮޅަށް ޝިޕްލާ ޝެޓީ އާއި ފިރިމީހާ ރާޖް ކުންދްރާ ދައުވާ ކުރަން ތައްޔާރުވެއްޖެ އެވެ.
ދައުވާ ކުރަން މައްސަލަ ހުށަހެޅުމަށްފަހު ޝެރްލީން އަށްވަނީ މިއަދު ލީގަލް ނޯޓިސް ފޮނުވާފަ އެވެ. އޭނާއާއި ދެކޮޅަށް ޝިލްޕާގެ ދެމަފިރިން ހުށަހަޅާފައިވާ މައްސަލައިގަ އެދިފައިވަނީ އާންމުންނަށް އެނގޭނެހެން ދެމަފިރިންގެ ކިބައިން މައާފަށް އެދި ޝިލްޕާގެ އާއިލާގެ އަގު ވައްޓާލުމަށް ކުރި މަސައްކަތުގެ ބަދަލުގެ ގޮތުގައި 50 ކްރޯޑު އިންޑިއަން ރުޕީސް ދެއްކުމަށެވެ.
މި މައްސަލަ އޭނާ އާއި ދެކޮޅަށް ރާޖް އާއި ޝިލްޕާ ހުށަހެޅީ ރާޖް ފަރާތުން އޮޅުވާލުމާއި ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނެ ވާހަކަ ދެއްކުމުންނެވެ. އަދި މިދިޔަ ހަފްތާގައި އެ މައްސަލަ އާއި އެކު ޝިލްޕާ އާއި ރާޖް އޭނާއަށް ބިރު ދައްކާ، ފައިސާއަށް މަކަރުހެދި ކަމަށް ބުނެ ޝެރްލީން ފުލުހުންނަށް މައްސަލަ ހުށަހެޅި އެވެ.
އެއީ ތެދު ވާހަކަތަކެއްތޯ ސުވާލު ކުރުމުން ރާޖް އާއި ޝިލްޕާ ޖަވާބު ނުދީ ތިބުމަށް ފަހު މިއަދު ކުއްލިއަކަށް ޝެރްލީން އާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅީ އެވެ. އެހެންވެ ގިނަ ބަޔަކު މިހާރު ގަބޫލު ކުރަނީ ޝެރްލީން ދެއްކި ވާހަކަ އާއި ހުށަހެޅި މައްސަލައިގަ ކޮންމެސް މައްސަލަތަކެއް އުޅުމުގެ އިތުރުން ޒާތީ ކަންތައްގަނޑެއް އުޅޭކަމަށެވެ.
ޝިލްޕާގެ ފަރާތުން ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ދެ މީހުންގެ ދެމެދުގައި ދެކެވުނު ވާހަކައެއްގައި ޝެރްލީން ވަނީ ރާޖްގެ ފަރާތުން ޖިންސީ އަނިޔާ ނުވަތަ ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ވާހަކައަކީ ދޮގު ވާހަކަތަކެއް ކަމަށް ބުނެފަ ކަމަށެވެ. އަދި ޝެރްލީން އެ ވާހަކަތައް ދެއްކީ އޭނާގެ ގާނޫނީ ވަކީލު އެކަމަށް ބާރު އަޅައި އެހެން ކިޔައިގެން މައްސަލަ ހުށަހެޅުމަށް ލަފާ ދިނުމުން ކަމަށް ބުނެފައިވާ ކަމަށެވެ.
ޝެރްލީން އަކީ ރާޖް ކުންދްރާ އާއި ދެކޮޅަށް ބަލަމުންދާ ބަރަހަނާ ފިލްމު އުފެއްދުމުގެ މައްސަލައިގަ އޭނާ އާއި ދެކޮޅަށް ބަޔާން ދީފައިވާ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް