ފުލުހުންގެ ތިން އޮފިސަރަކު ވަޒީފާއިން ވަކިނުކުރުމަށް ހައި ކޯޓުން ވަގުތީ އަމުރެއް ކޮށްފި

ފުލުހުންގެ ތިން އޮފިސަރަކު ވަޒީފާއިން ވަކިނުކުރުމަށް ހައި ކޯޓުން ވަގުތީ އަމުރެއް ކޮށްފި އެވެ. ހައިކޯޓުން މިގޮތަށް އަމުރު ނެރެފައިމިވަނީ ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުގެ ލަފާގެ މަ...

19 Oct 2021 | 13:55

ފުލުހުންގެ ތިން އޮފިސަރަކު ވަޒީފާއިން ވަކިނުކުރުމަށް ހައި ކޯޓުން ވަގުތީ އަމުރެއް ކޮށްފި އެވެ.

ހައިކޯޓުން މިގޮތަށް އަމުރު ނެރެފައިމިވަނީ ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފުލުހުންގެ ހަތް އޮފިސަރުންގެ މައްސަލައިގަ އެވެ.

ވަޒީފާއިން ވަކި ނުކުރަން ވަގުތީ އަމުރު ނެރެދީފައިވާ ތިން އޮފިސަރުންނަކީ ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އާދަމް، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފު އަދި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދެވެ.

މި ތިން އޮފިސަރުން މަގާމުން ވަކި ކުރުމަށް ފޮނުވާފައިވާ 10 ދުވަހުގެ ނޯޓިސްގެ މުއްދަތު މިރޭގެ 12:00 އިން ހަމަވާނެ އެވެ.

ދިވެހި ފުލުހުންގެ އޮފިސަރުންތަކެއް ވަޒީފާއިން ވަކިކުރަން ނިންމާފައިވާތީ، އެ އޮފިސަރުންތައް ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އެހެންނަމަވެސް އޮފިސަރުންނަށް ވަނީ ފިޔަވަޅު އަޅާފަ އެވެ.

އެގޮތުން ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، ދެ އޮފިސަރުން ވަޒީފާ އިން ވަކިކޮށް، ހަތަރު އޮފިސަރަކު ވަކިކުރަން 10 ދުވަހުގެ ނޯޓިސްއެއް ދީފައިވަނީ މި އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހު އެވެ.

އާ ގާނޫނުން އެކުލަވާލި ޕޮލިސް ބޯޑުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ހަތް އޮފިސަރަކު ވަކިކުރަން ބޯޑުން ލަފާ ދީފައިވާތީ، އެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓް ހަވާލުކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ) އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއިކުރައްވާ ފޮނުއްވި ޗިޓުގައި ބުނެފައިވަނީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ބެލި މައްސަލައަކާ ގުޅިގެން މަގާމުގައި ބަހައްޓަން ނުފެންނާތީ ވަނީ މަގާމުން ވަކިކުރެއްވީ ކަމަށެވެ.

ކޯޓުގައި ފަސް އޮފިސަރަކު ތަމްސީލްކުރައްވަނީ ދިވެހި ޗެމްބަރސްގެ ލޯޔަރުން ނެވެ.

މިކަމާއިގުޅިގެން އެ ލޯ ފާރމުން ބުނެފައިވަނީ ދެ އޮފިސަރުން ވަކިކުރުމުގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް ވަކިކުރުމުގެ އިޖުއާތު ފެށިކަމުގެ ނޯޓިސް ހަވާލުކޮށްފައިވާ ކަމަށެވެ.

މި އޮފިސަރުންގެ އިތުރުން ދެން ނޯޓިސް ހަވާލުކުރީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް