ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގައި މިރޭ ޝަޚްތަރު ޑޮނޭޓްސްކްއާ ދެކޮޅަށް ނިކުންނައިރު އެޓީމުގައި އަނިޔާގެ ގިނަ މައްސަތަކެއް އެބަހުރި ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޮސް އެންޗެލޮޓީ ބުނެފި އެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެންޗެލޮޓީ ބުނީ މިރޭގެ މެޗަށް ނިކުންނައިރު ރެއާލްގައި އަނިޔާގެ މައްސަތައް ގިނަ ކަމަށާއި އެހެން ކަމުން އެކަމާއި ކަންބޮޑުވާ ކަމަށެވެ. އަނިޔާގައި ތިބި ކުޅުންތެރިންނާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން އެންޗެލޮޓީ ބުނީ އަނިޔާގެ ސަބަބުން ޑެނި ކަވަހާލް، ގެރެތް ބޭލް، މެންޑީ، ޑެނި ސެބަލޯސްގެ އިތުރުން އިސްކޯއަށް ވެސް އަނިޔާވެފައި ވުމުން މިރޭގެ މެޗު ގެއްލޭނެ ކަމަށެވެ.
މީގެ އިތުރުން ކުރިން އަނިޔާގައި ތިބި އަލަބާ، މިލިޓާއޯ، ހަޒާޑް، ޑިއާސް، އެސެންސިއޯގެ އިތުރުން މާސެލޯ ފަރިތަކުރުން ތަކުގައި ބައިވެރި ވެފައިވީ ނަމަވެސް މުޅިން ފިޓު ނުވާތީ މިރޭގެ މެޗުގައި ފެނުން ދުރު ކަމަށް އެންޗެލޮޓީ ވަނީ ބުނެފައެވެ. ނަމަވެސް އަދި މި ކުޅުންތެރިންނާއި މެދު ވަކި ގޮތެއް ނުނިންމާ ކަމަށް ވެސް އެންޗެލޮޓީ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ. ގުރޫޕް ސްޓޭޖުގައި އެންމެ ފުރަތަމަ އިންޓަ މިލާނާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ. ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުން ރެއާލް ބަލިވީ ޝެރިފް އަތުން 1-2 ގެ ނަތީޖާއިންނެވެ.
ރެއާލް މިވަގުތު އޮތީ އެޓީމު ހިމެނޭ ގުރޫޕް ޑީގެ ދެ ވަނާގައި ތިން ޕޮއިންޓާއި އެކުގައެވެ. މި ގުރޫޕުގެ އެއްވަނާގައި އޮތީ ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއި އެކު ޝެރިފްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް