މަހުމޫދުގެ މަރު: އޭނާގެ ފޯނު ފުލުހުންގެ ފޮރެންސިކް ޓީމުން ހޯދައިފި

އދ. ދަނގެތީގައި ގަތުލުކޮށްލާފައި އޮއްވައި ފެނުނު އެ ރަށުގެ މަޝްހޫރު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ ފޯނު ފުލުހުންގެ ފޮރެންސިކް ޓީމުން ހޯދައިފި އެވެ. މި މަރާ ގުޅިގެން ފުލުހުން ވަނީ ވަޅު ހުރި ސަރަހ...

19 Oct 2021 | 11:00

އދ. ދަނގެތީގައި ގަތުލުކޮށްލާފައި އޮއްވައި ފެނުނު އެ ރަށުގެ މަޝްހޫރު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ ފޯނު ފުލުހުންގެ ފޮރެންސިކް ޓީމުން ހޯދައިފި އެވެ.

މި މަރާ ގުޅިގެން ފުލުހުން ވަނީ ވަޅު ހުރި ސަރަހައްދާއި ރަށުގެ ބައެއް ސަރަހައްދުތައް ބަންދުކޮށްފަ އެވެ. އޭގެ ތެރޭގައި މި މައްސަލައިގައި ހައްޔަރު ކުރި ބަންގްލަދޭޝްގެ ފިރިހެން މީހާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދު ވެސް ހިމެނެ އެވެ.

މި ސަރަހައްދުތަކުގައި ފުލުހުންގެ ފޮރެންސިކް ޓީމަކުން ހަރަކާތްތެރިވާއިރު، ފޯނު ހޯދީ ކޮންތާކުން ކަމެއް ސީދާ ސާފެއް ނުވެ އެވެ. މަޢުލޫމާތު ލިބޭ ގޮތުގައި، މަހުމޫދުގެ މަރާ ގުޅުން ހުރި ތަކެތީގެ ތެރެއިން ވަޅުލާފައި ހުރި ބައެއް ތަކެތި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.

މަހުމޫދު މަރާލި މައްސަލައިގެ ތުހުމަތުގައި ބަންގްލަދޭޝްގެ މުހައްމަދު ސާލިމް މިމަހުގެ 16 ވީ ހޮނިހިރު ދުވަހު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ. ސާލިމްއަކީ މަހުމޫދުގެ ހަށިގަނޑު ފެނުނު ގެޔާ ޖެހިގެން ހުރި ގެއެއްގައި އުމުރުން ދުވަސްވީ މީހަކު ބަލަން ހުންނަ މީހެކެވެ.

އޮކްޓޫބަރު މަހުގެ 14 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި 57 އަހަރުގެ މަހުމޫދު ގެއްލިގެން ހޯދަނިކޮށް ފެނުނީ ބޮލަށާއި ފަޔަށް ގޯއްޏެއް ލައްވައި، ވަޅެއްގައި އެކޮޅުކޮޅުން އެލުވާފައިވަނިކޮށެވެ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. އަދި ވަޅުން ނެގި ވަގުތު ވަރަށް ގިނަ ލޭ ފޭބިއެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގައި އެރަށުގެ ރައްޔިތުން އެންމެ ފުރަތަމަ ދެމީހަކަށް ތުހުމަތު ކުރިއެވެ. އެ ދެމީހުން ވެސް ތިބީ ފުލުހުން ބަންދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް