މަޖިލީހުގެ މެމްބަރުން ގޭޓުމަތިން އުކި މައްސަލަ ބަލަން ރޮޒައިނާ ގޮވާލައިފި

ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނަ ނުދީ ސިފައިން ފޮނުވައިގެން މެމްބަރުން މަޖިލީހުގެ ގޭޓު މަތިން އުކި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އައް...

19 Oct 2021 | 10:51

ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނަ ނުދީ ސިފައިން ފޮނުވައިގެން މެމްބަރުން މަޖިލީހުގެ ގޭޓު މަތިން އުކި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ގޮވާލައިފި އެވެ.

އެކަމަނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މަސްތުވާތަކެތީގެ މައްސަލަތަކުގައި މީހުން ދޫވާ މައްސަލައިގެ ބަހުސްގައި މިއަދު މަޖިލިސް ޖަލްސާގަ އެވެ.

ރޮޒައިނާ ވިދާޅުވީ މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވި އާދަމް ޝަރީފް އުމަރަކީ ކުރީގެ ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން އޭރުގެ ސަރުކާރުން ހިންގަމުންދިޔަ ކަންކަން މަޖިލިސް ތެރެއިން ބެލުމަށް އެންމެ ބޮޑަށް ހުރަސް އެޅުއްވި މެމްބަރުކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭނެހެން ސިފައިން ފޮނުވައިގެން ހުރަސް އަޅައި، ވަންނަން މަސައްކަތް ކުރެއްވި މެމްބަރުން މަޖިލީހުގެ ގޭޓު މަތިން އުކަމުން ދިޔަ މައްސަލައަކީ ނުބަލައި ދޫކޮށްލެވޭނެ މައްސަލައެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

"މި އިއްޒަތްރެރި މެމްބަރު ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން އަޅުގަނޑުމެންނަށް މަޖިލީހަށް ވަނަ ނުދީ، މި މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ގޭޓު މަތިން އުކި ދުވަހުގެ ވާހަކަ ހަނދުމަފުޅު ކޮށްލެއްވީމާ ކީއްވެކަން އޭރުގެ ސަރުކާރުން ކުރި މިކަހަލަ ކަންތައްތައް ޒިންމާދާރު ކުރުވުމަށް މި މަޖިލީހުގެ ތެރޭގައި މަސައްކަތް ނުކުރެވުނީ އެނގޭނެ. އިއްޒަތްތެރި ރައީސް އަޅުގަނޑު މިއަދު ގޮވާލަން މިމައްސަލައަކީ މަޖިލީހުން ބަލަންޖެހޭ މައްސަލައެއް." ރޮޒައިނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޑްރަގުގެ މައްސަލަ ހައްލު ކުރުމަށްވެސް މިއަދު މަޖިލިސް ތެރެއިން މަސައްކަތް ކުރެވޭނެ ޖާގަ އޮތްކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ރާއްޖެ އެތެރެކުރެވޭ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފަހައްޓައި 44 ޑްރަގް ކެފޭ ބަންދު ކޮށްފައިވާކަމީ ސަރުކާރުން މިކަމުގައި ތެދުވެރިކަމާއިއެކު މަސައްކަތް ކުރާކަމުގެ ހެއްކެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް