އިންފްލުއެންޒާގެ އައުޓްބްރޭކެއް އައުމުގެ ކުރިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިއަދު އިލްތިމާސްކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އިންފުލެންޒާ ކޮންމެ ހަފްތާއަކު ފެންނަ މިންވަރަށް ބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އަދަދު މަތިވެފައިވާ ކަމަށެވެ. އަދި އޮކްޓޯބަރު މަހުގައި ވެސް ކޭސްތަކުގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.
އިންފްލްއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކުރަނީ އުމުރުން 18 އަހަރާއި 45 އަހަރުގެ މީހުން ކަމަށާއި އުމުރުން 6 އަހަރާއި 12 އަހަރާ ދެމެދު ކުދިން ވެސް އިންފްލްއެންޒާ ޖެހިގެން ރިޕޯޓް ކުރަމުންދާ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
ކޭސްތައް ފެނިފައިވާ ނިސްބަތަށް ބަލާއިރު އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައި ފެނުނު ކޭސްތައް ހުރީ އެއް މިންވަރެއްގައި ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
އެންމެ ގިނައިން ކޭސްތައް ފެނިފައިވަނީ މާލެ ސަރަހައްދުން ނެވެ.
އޮކްޓޫބަރު މަހު އިންފްލުއެންޒާއަށް ޓެސްޓް ކުރެވުނު 432 ސާމްޕަލްގެ ތެރެއިން 192 ސާމްޕަލް އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައި ވެއެވެ. އަދި މިއަހަރުގެ މިހާތަނަށް ޓެސްޓު ކުރެވުނު 1198 ސާމްޕަލުގެ ތެރެއިން 365 ސާމްޕަލް ވަނީ ޕޮޒިޓިވްވެފަ އެވެ.
އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނަކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް މިދުވަސްވަރު ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.
ކޯވިޑް-19 ފަދައިން އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާއަކީ ވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔެއް ކަމުން، ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.
އެގޮތުން 5 އަހަރުން ދަށުގެ ކުދިންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ދިގު މުއްދަތަށް ފަރުވާދޭންޖެހޭ ފަދަ ބައްޔެއް ޖެހިފައިވާ މީހުންނާއި، މާބަނޑު މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުން އަރިދަފުސް ރޯގާ، ހުން އަދި ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފައި ވެއެވެ.
އަރިދަފުސް ރޯގާ، ހުން އަދި ކެއްސުން ފަދަ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލްގެ އާއްމު އޯޕީޑީއަށް ނުގޮސް ފްލޫ ކްލިނިކަށް ދިއުމާއި، އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާވެސް އަވަހަށް ކޯވިޑް-19 ޓެސްޓް ކުރުމާއި، އާއްމު ތަންތަނުގައި އަބަދުވެސް މާސްކް އެޅުމުގެ ގައިޑްލައިންގައިވާ ގޮތަށް ރަނގަޅަށް މާސްކް އަޅައިގެން އުޅުމަށް އެޗްޕީއޭއިން އެދިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް