އަފްގާނިސްތާނުގައި އަލުން ޕޯލިއޯ ވެކްސިން ދޭންފަށަން ތޯލިބާނުުން ހުއްދަ ދީފި

އަފްގާނިސްތާނުގައި ކުރިޔަށް ގެންދާ ގައުމީ ޕޯލިއޯ ވެކްސިން ޕްރޮގްރާމް އަލުން ފެށުމުގެ ހުއްދަ ތޯލިބާނުންގެ ވަގުތީ ސަރުކާރުން ދީފި އެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން ނައްތާލެވިފައިވާ ޕޯލިއޯ ބަލި އަދިވެސް އ...

19 Oct 2021 | 08:34

އަފްގާނިސްތާނުގައި ކުރިޔަށް ގެންދާ ގައުމީ ޕޯލިއޯ ވެކްސިން ޕްރޮގްރާމް އަލުން ފެށުމުގެ ހުއްދަ ތޯލިބާނުންގެ ވަގުތީ ސަރުކާރުން ދީފި އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން ނައްތާލެވިފައިވާ ޕޯލިއޯ ބަލި އަދިވެސް އެއްކޮށް ކޮންޓްރޯލް ނުކުރެވެނީ ޕާކިސްތާނާއި އަފްގާނިސްތާނުގައި އެވެ. ޕޯލިއޯ ވެކްސިން ނުދިނުމުގެ ސަބަބުން ދެ ގައުމުގެ ވަކި ސަރަހައްދުތަކެއްގައި ބޮޑެތިވަމުން އަންނަ ކުދިން ވާގިނެތުމާއި ކޮރުވުންފަދަ ބަލިތައް ޖެހުން އިތުރެވެ.

ތޯލިބާނުން އަފްގާނިސްތާނު ހިފުމާއި އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެ ގައުމުގައި ކުރިޔަށް ގެންދިޔަ ބިޔަ ޕޯލިއޯ ކެމްޕެއިން އޮތީ ހުއްޓިފަ އެވެ. އަފްގާނު ސަރުކާރުގެ ހެލްތް މިނިސްޓްރީ އާއި ޑަބްލިއުއެޗްއޯގެ އަމާޒަކަށް ވެފައި އޮތީ ތިން އަހަރު ތެރޭގައި ޕޯލިއޯ ފެތުރުން އެއްކޮށް ކޮންޓްރޯލް ކުރުމެވެ.

އެހެންވެ ޕްރޮގްރާމް ހުއްޓުނަ ނުދިނުމަށް ތޯލިބާނުުން އެގައުމު ހިފި ފަހުންވެސް ޑަބްލިއުއެޗްއޯގެ އޮފިޝަލުން ދިޔައީ ތޯލިބާނުންގެ ލީޑަރުންނާއި ބައްދަލުކޮށް އަލުން ޕޯލިއޯ ވެކްސިން ދޭން ފެށުމުގެ ހުއްދަ ދިނުމަށް އެދެމުންނެވެ.

އިއްޔެ އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ އަށް ވަނަ ދުވަހު ޕޯލިއޯ ވެކްސިން ޕްރޮގްރާމް އަލުން ފެށުމުގެ ހުއްދަ ތޯލިބާން ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް ވެކްސިންދޭން ދޮރުން ދޮރަށް އަފްގާނުގެ ހުރިހާ ޕްރޮވިންސްތަކެއްގައި ހިނގާނެ ކަމަށް ބުންޏެވެ.

އެޖަމާއަތުން ބުނީ ބުނީ މި މަސައްކަތުގައި ހަރަކާތްތެރިވާނީ ޑަބްލިއުއެޗްއޯ އާއި އެ ގައުމުގެ ޕްރޮވިންސްތަކުގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށެވެ. އަފްގާނާއި ޕާކިސްތާނުގައި ޕޯލިއޯ ވެކްސިން ދިނުމަށް އޮތް އެންމެބޮޑު ހުރަކަކީ މިފަދަ މަސައްކަތްތެރިންނަށް ދީނީ ހަރުކަށި ޖަމާއްތަކުން ހަމަލާދީ މަރާތީ އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ އެފަދަ ހަމަލާއެއް އަތުވެދާނެތީ އެކަމާއި ގުޅޭގޮތުންވެސް ތޯލިބާނުންނާއި މަޝްވަރާ ކުރި ކަމަށެވެ. އަދި ތޯލިބާން ސަރުކާރުން ވަނީ ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޕޯލިއޯ ވެކްސިން ދޭ ޓީމުތަކުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ކަމަށް ބުނެ ކަމަށެވެ.

ތޯލިބާނުން ވެރިކަމަށް އެރުމާއި އެގައުމުގެ އިގްތިސޯދީ ހާލަތަށް އައިސްފައިވާ ހީނަރު ކަމާއި އެކު ގިނަ އަދަދެއްގެ އަފްގާން ރައްޔިތުން ދަނީ ބޯޑަރު ހުރަސްކޮށް އެހެން ގައުމުތަކަށް ހިޖުރަ ކުރަމުންނެވެ. އދ. އިން ބުނީ މިފަދަ ހިޖުރަކުރުންތަކުގެ ސަބަބުންވެސް ޕޯލިއޯ ބަލި ނެތް ގައުމުތަކުގައި އަލުން އެ ބަލި ފެތުރުމުގެ ބިރު އެބައޮތް ކަމަށެވެ.

އެހެންވެ އަފްގާންގައި ޕޯލިސް ވެކްސިން ދިނުމުގެ ޕްރޮގްރާމް ވީހާވެސް އަވަހަށް ފަށަން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް