ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ޖަވާބުދާރީވާނެ ވަޒީރަކު ހުންނަންޖެހޭ ކަމަށް ޤާނޫނުގައި ބަޔާންކުރާ ކަމަށާއި، އެ ވަޒީރެއްގެ މަސައްކަތަކަށް މިހާރު ވާނީ ސިޔާސަތު ކަނޑައެޅުމުގެ ކަންކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޤާނޫނުއަސާސީގެ 242 ވަނަ މާއްދާގައި، ސަލާމަތީ ކޮންމެ ޚިދުމަތެއްމެ ހިންގާންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ކަމަށާއި، އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވާން ވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
ކުރީގެ ފުލުހުންގެ ޤާނޫނުގައި އެ އެ އިދާރާ ހިންގާނީ ހޯމް މިނިސްޓްރީންގެ ދަށުން ބަޔާންކޮށްފައިވާކަމަށެވެ. އަދި މިފަހުން ފާސްކުރި ފުލުހުންގެ ޤާނޫނަށް އަލިއަޅުވާލާ ރައީސް ނަޝީދު ވިދާޅުވީ، އެ ޤާނޫނުގައި ފުލުހުންގެ ހިދުމަތާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނޭ ވަޒީރަކު ހުންނަންވާނޭ ކަމަށް ބަޔާންކުރާކަމަށެވެ.
އެ ވަޒީރެއްގެ މައްސޫލިޔަތުގެ ގޮތުގައިވާ ކަންކަންވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވާކަމަށާއި، އެ ތަފްސީލުތަކަށް ބެލުމުން ވަޒީރަށް ހަވާލުކޮށްފައިވާ މަސައްކަތްތަކަކީ ސިޔާސަތު ކަނޑައެޅުމުގެ މަސައްކަތްތައް ކަން އިނގޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މި މޭރުމުން ވާހަކަދެއްކެވި އިރު، ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ ހިދުމަތް ވަކިކޮށްފައި ވާތީ އެކަމުގައި ބައެއް ފަރާތްތަކުން އަންނަނީ ޤާނޫނީ ފުށުއެރުންތަކެއް ހުރިކަމަށް ބުނަމުންނެވެ. ފުލުހުންގެ އާ ޤާނޫނުގައި މިހާރު ބުނެފައިވަނީ، ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ ސަރުކާރުގެ ފަރާތުން އުފުލާ އެންމެ އިސްފަރާތަކީ ވަޒީރު ކަމަށާއި ފުލުހުންގެ ޚިދުމަތާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބު ދާރީވާނީ ވަޒީރު ކަމަށެވެ. އެހެންނަމަވެސް އެއީ ސީދާ ހޯމް މިނިސްޓަރު ކަމަށް ޤާނޫނުގައި ބުނެފައެއް ނުވެއެވެ.
އެކަމަކު ރައީސް އޮފީހުން މިއަދު ވަނީ ފުލުހުންގެ ކަންކަން ބަލައްޓަވާނީ ހޯމް މިނިސްޓަރު ކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް